ނައްޓޭ ޔުނައިޓެޑް ވިކްޓްރީ އަށް
ނައްޓޭ ޔުނައިޓެޑް ވިކްޓްރީ އަށް

މިިދިޔަ އަހަރު ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅުނު އަހުމަދު ނާޝިދު (ނައްޓޭ) ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ޔުނައިޓެޑް ވިކްޓްރީ އަށް ބަދަލުވެއްޖެ އެވެ.

ސ. ހިތަދޫ އަށް އުފަން ނައްޓޭ ވިދާލީ 2007 ވަނަ އަހަރު ޒޯން މުބާރާތުންނެވެ. އޭގެ ފަހުން އޭނާ ވަނީ ކްލަބް ވެލެންސިއާ އާއި ވީބީ އައްޑޫ އެފްސީ އަށް ކުޅެފަ އެވެ. މީގެ ހަތަރު އަހަރު ކުރިން މާޒިޔާ އަށް ބަދަލުވެ ނައްޓޭ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މާޒިޔާ ކޯޗުކަމާ އަލީ ސުޒޭން ހަވާލުވެ ހުރިއިރު ނައްޓޭ ވަނީ މޮޅު ކުޅުމެއް ދައްކައި ގައުމީ ޓީމުން ވެސް ޖާގަ ހޯދައިފަ އެވެ. އަދި 2015 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ އިތުރުން 2016 ވަނަ އަހަރު ސާފް ގޭމްސްގައި ކުޅުނު 23 އަހަރުން ދަށުގެ ޓީމަށް ސީނިއާ ކުޅުންތެރިޔެއްގެ ގޮތުގައި ގޮސް ނައްޓޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި "ހަވީރު" ނޫހުން ހޮވި ރާއްޖޭގެ ތިން ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އެވެ.

މާޒިޔާ ދޫކޮށް ނައްޓޭ 2017 ވަނަ އަހަރު ބަދަލުވީ އީގަލްސް އަށެވެ. އެ ފަހަރު އެ ޓީމަށް ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ނުލިބުމުން ނައްޓޭ ސީޒަންގެ އެފްއޭ ކަޕް ކުޅެން ވެލެންސިއާއާ ގުޅެން އެއްބަސްވި ނަމަވެސް ވެލެންސިއާ އެ މުބާރާތުގައި ނުކުޅެ އެވެ. އެހެންވެ، އެ އަހަރު ފަހު ކޮޅުގައި ނައްޓޭ ނުފެނެ އެވެ.

މިދިޔަ ސީޒަނުގައި ވިކްޓަރީ އަށް ބަދަލުވެ، ލާޒްލޯ ކިސްގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު ފަހުން ވިކްޓަރީ މާލީ ގޮތުން އަޑިއަޅާލައި ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ ސަބަބުން ޓީމު ބަލިކަށިވިއިރު، ނައްޓޭ ގިނަ މެޗުތަކެއްގައި ނުކުޅެ އެެވެ.

ނައްޓޭ އަކީ މި ފަހަރުގެ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޔުނައިޓެޑް ވިކްޓަރީން ސޮއިހޯދި ތިން ވަނަ ކުޅުންތެރިޔާ އެވެ. ނައްޓޭއާ އެކު މިދިޔަ ސީޒަނުގައި ވިކްޓަރީ އަށް ކުޅުނު ޝާފިއު އަހުމަދު (ޝާފީ) އާއި އަހުމަދު ވިސާމް (ޖެރާޑް) ވަނީ ޔުނައިޓެޑް ވިކްޓަރީ އަށް ސޮއިކޮށްފަ އެވެ. އަދި މިދިޔަ އަހަރު ޔުނައިޓެޑް ވިކްޓަރީ އަށް މޮޅު ކުޅުމެއް ދެއްކި ހަސަން ތޮލާލް (ޓޮޕްލަކް) އާއި ނާވީ މުހައްމަދު ވަނީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފަ އެވެ.