25 ފެބުރުއަރީ 2019 - 06:54

ލަންޑަން (ފެބްރުއަރީ 25) – ޕެނަލްޓީ ޖަހައިގެން 4-3 އިން ޗެލްސީ ބަލިކޮށް އިނގިރޭސި ލީގު ކަޕުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ރޭ ހޯދައި މި ސީޒަނުގައި ހަތަރު މުބާރާތް ކާމިޔާބުކުރުމުގެ އަމާޒަށް ވާސިލްވުމަށް ފުރަތަމަ ފިޔަވަޅު އަޅައިފި އެވެ.

އެކަމަކު މި މެޗުގައި އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ލިބިގެންދިޔައީ، ފުރިހަމަ ވަގުތާއި އިތުރު ވަގުތުގައި ވެސް ލަނޑެއް ނުޖެހި އެއްވަރުވެ ޕެނަލްޓީއާ ހަމަޔަށް ދާން އުޅެނިކޮށް ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލަގާ ބާލަން އުޅުމުން އޭނާ އެކަމަށް ދެކޮޅު ހަދައި އެކަން ވިޔަނުދިނުމެވެ.
އިތުރު ވަގުތުގެ ފަހުކޮޅު ކެޕާ އަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވެ ފަރުވާ ހޯދުމާ އެކު ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ މަސައްކަތްކުރީ އޭނާ ބާލައި، ކުރިން ސިޓީ އަށް ކުޅެ 2016 ގެ ލީގު ކަޕް ފައިނަލުގައި ލިވަޕޫލުގެ ތިން ޕެނަލްޓީ މަތަކުރި ވިލީ ކަބަލޭރޯ އަރުވާށެވެ.
އެކަމަކު ކަބަލޭރޯ ތައްޔާރުވެ އަދި އޭނާ އަރުވަން ހަތަރު ވަނަ އޮފިޝަލް ބޯޑް ވެސް ތައްޔާރުކޮށްގެން ހުއްޓާ ކެޕާ ވަނީ ފާޅުގައި އަތުގެ އިޝާރާތުން ނުފައިބާނެ ކަމަށް އަންގައިފަ އެވެ. ޗެލްސީގެ އެސިސްޓަންޓް ކޯޗު ޖިއަންފްރަންކޯ ޒޯލާ އާއި ބައެއް ކުޅުންތެރިން އެދުމުން، ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރު ހުރީ ގޮތުގަ އެވެ. އެންމެ ފަހުން ސާރީ އަށް ޖެހުނީ ދޫދޭށެވެ. އެއާ އެކު އޭނާގެ ރުޅިގަނޑު ފަޅައިގެން ގޮސް ބެންޗު ދޫކޮށް ޓަނެލް ތެރެއަށް ވެސް ވަދެގެން ދިޔަ އެވެ. އެކަމަކު އެނބުރި އައީ އެވެ.
މެޗަށް ފަހު ސާރީ ބުނީ ކެޕާ ނުފައިބަން އުޅުނީ އޭނާ ބަދަލުކުރަން މަސައްކަތްކުރީ އަނިޔާވެފައިވާތީ ކަމަށް ހީކޮށް ކަމަށާއި އޭނާ އަންގަމުން ދިޔައީ ފިޓްކަން ކަމަށެވެ.
"އަހަންނަށް ވާނުވާ އެނގުނީ ތިން ހަތަރު މިނެޓު ފަހުން ޑޮކްޓަރު އައުމުން. އެއީ ވަރަށް ބޮޑު އޮޅުމެއް. އެއީ އަހަންނަށް ހީވީ އޭނާގެ އަނިޔާގެ މައްސަލައެއް އުޅޭ ކަމަށް އެހެންވެ އަހަރެން ބޭނުމެއް ނުވި އެ ހާލަތުގައި ހުރެ އޭނާ ޕެނަލްޓީއަށް ފޮނުވަން،" ސާރީ ބުންޏެވެ.
އެކަމަކު ބައެއް ތަޖުރިބާކާރުން ބުނަނީ ސާރީ އޭނާގެ ކުޅުންތެރިޔާ ދިފާއުކުރަނީ ކަމަށާއި ކެޕާގެ އަހުލާގު ބަލައިނުގަނެވޭނެ ކަމަށެވެ. ސަބަބަކީ ފުޓްބޯޅައިގައި ކޯޗުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުމަށް ކަމަށްވެފައި ކޮންމެ ހާލަތެއްގައި ވެސް އެކަމަށް ތަބާވާން ޖެހޭތީ އެވެ. އޮޅުމެއް އުޅޭ ނަމަ ކެޕްޓަން މެދުވެރިކޮށް ނުވަތަ ސީދާ ޓަޗްލައިނަށް ގޮސް ކޯޗާ ވާހަކަދެއްކުމުގެ ފުރުސަތު ކެޕާ އަށް އޮންނާނެ އެވެ. ސާރީ ވެސް ވަނީ ކުޅުން ކުރިއަށް ގެންދަން ކެޕާ ދެއްކި ހިތްވަރު ފާހަގަކުރި ނަމަވެސް އޭނާގެ އަމަލުތައް ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ.
ކެޕާއާ އެކު ކުރިއަށް ގެންދިޔަ ޕެނަލްޓީ ޝޫޓް އައުޓުގައި ޗެލްސީގެ ފުރަތަމަ ޕެނަލްޓީ ޖޯޖީނިއޯ ޖެހުމުން ސިޓީގެ ގޯލްކީޕަރު އެޑަސަން މަތަކުރީ އެވެ. އޭގެ ފަހުން ސިޓީގެ އިލްކޭ ގުންޑޮގާން އާއި ސާޖިއޯ އަގުއޭރޯ އަދި ޗެލްސީގެ އަޒްޕިކުއެލްޓާ އާއި އެމަސަންގެ ޕެނަލްޓީތައް ކާމިޔާބުވެފައިވަނިކޮށް ސިޓީގެ ތިން ވަނަ ޕެނަލްޓީ ލެރޯއީ ސާނޭ ޖެހުމުން ކެޕާ މަތަކޮށް ނަތީޖާ ހަމަހަމަކޮށްދިނެވެ.
އެކަމަކު ޗެލްސީގެ ހަތަރު ވަނަ ޕެނަލްޓީ ޑަވިޑް ލުއިޒް އަތުން ބޭކާރުވެ، ސިޓީގެ ހަތަރު ވަނަ ޕެނަލްޓީ ބެނާޑޯ ސިލްވާ ކާމިޔާބުކުރުމުން ސިޓީ އަށް އަނެއްކާ ވެސް ލީޑު ލިބުނީ އެވެ. އެހެންވެ ޗެލްސީގެ ފަސް ވަނަ ޕެނަލްޓީ އެޑެން ހަޒާޑް ޖެހި ނަމަވެސް ސިޓީގެ ފަސް ވަނަ ޕެނަލްޓީއާ ރަހީމް ސްޓާލިން ކާމިޔާބުކުރުމާ އެކު އެ ޓީމަށް ތަށި ޔަގީންވީ އެވެ.
މި ނަތީޖާއާ އެކު ޗެލްސީގެ ކޯޗުކަމުން ސާރީ ވަކިކުރާނެ ކަމަށް ވެސް ބެލެވެ އެވެ. ސަބަބަކީ ލީގުގައި ސިޓީ އަތުން 6-0 އިން ބަލިވެ އަދި އެހެން ދަށް ނަތީޖާތަކާ އެކު ވެސް ސީޒަން އަނބުރާލެވެން އޮތް ހަމައެކަނި ފުރުސަތު ވެސް ބީވުމެވެ.
"އަހަންނަށް ނޭގޭ. ކަލޭމެން ޖެހޭނީ ކްލަބުގައި އަހަން،" މުސްތަގުބަލާ ބެހޭގޮތުން ސުވާލުކުރުމުން ސާރީ ބުންޏެވެ. "މިއަދު އަހަރެން މިހިރީ ވަރަށް އުފާވެފައި ސަބަބަކީ އަހަންނަށް އިހުސާސްކުރެވެނީ ޓީމު ރަނގަޅުވަމުން އަންނަކަން. ސިޓީއާ ކުޅެ ލަނޑެއް ވައްދާނުލައި ފުރިހަމަކުރެވުމަކީ ފަސޭހަކަމެއް ނޫން."
މި ކާމިޔާބީއާ އެކު ސިޓީން ދެން ހިފާނީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށް ހަތަރު ތަށި ކާމިޔާބުކުރާ ފުރަތަމަ ޓީމަށް ވުމަށެވެ. އެކަމަކު އެކަމާ ބެހޭގޮތުން ސުވާލުކުރުމުން ގާޑިއޯލާ ވަނީ ހިހޫ ފެން އަޅައިފަ އެވެ. އޭނާ ހަމައެކަނި ބުލެނީ މި މެޗުން މޮޅުވުމަކީ ދެން ހުރި މެޗުތަކުން މޮޅުވާން ލިބޭނެ ހިތްވަރެއް ކަމަށެވެ. މި މެޗުގައި ސިޓީގެ ޑިފެންޑަރު އެމެރިކް ލަޕޯޓޭ އާއި މިޑްފީލްޑަރު ފެނާންޑީނިއޯ އަށް އަނިޔާވެފައިވާތީ ގާޑިއޯލާ ހުރީ ހިތްހަމަނުޖެހިފަ އެވެ.