24 ފެބުރުއަރީ 2019 - 22:02

މެންޗެސްޓާ (ފެބްރުއަރީ 24) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ، އަނިޔާގެ ސަބަބުން ބަލިކަށިވެފައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، ލިވަޕޫލް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ލިވަޕޫލް އެއް ވަނައިގައި އޮތީ 27 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 27 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ. ތިން ވަނައިގައި ޓޮޓެންހަމް އޮތީ 27 މެޗުން 60 ޕޮއިންޓާ އެކު އެވެ. މިރޭ އަމިއްލަ ދަނޑުގައި ސައުތެމްޓަން އަތުން 2-0 އިން ހޯދި މޮޅާ އެކު އާސެނަލް ވަނީ ލީގުގެ ހަތަރަކަށް އަރައިފަ އެވެ. އާސެނަލަށް ވަނީ 27 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑް ފަސް ވަނައިގައި އޮތީ 27 މެޗުން 52 ޕޮއިންޓާ އެކު އެވެ.
ޔުނައިޓެޑްގެ އޯލްޑްޓްރެފޯޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އަނިޔާގެ ސަބަބުން ޔުނައިޓެޑަށް ވަނީ ތިން ބަދަލެއް ކުރަން ޖެހިފަ އެވެ. އެންޑަ ހެރޭރާ އާއި ހުއާން މަޓާ އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖެސޭ ލިންގާޑް ވެސް 17 މިނިޓަށް ފަހު ބަދަލުކުރަން ޖެހުނެވެ. ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ވެސް ލިންގާޑަށެވެ. ޔުނައިޓެޑްގެ ރޮމެލޫ ލުކާކޫ ހުސްކޮށްލާފައި އޭރިއާ ތެރެއިން ލިންގާޑަށް ދިން ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ހުށިޔާރުކަމާ އެކު ހުއްޓުވައިފަ އެވެ.
ފުރަތަމަ ހާފުގައި ލިވަޕޫލަށް ވެސް އަނިޔާގެ މައްސަލަ ދިމާވި އެވެ. ރޮބާޓޯ ފިރްމީނޯގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވެސް ބަދަލުކުރަން ޖެހުނެވެ. މުޅި މެޗަށް ބަލާއިރު ލިވަޕޫލަށް ޔުނައިޓެޑްގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާނުލެވުނުއިރު، މިއީ ލީގުގައި ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާގެ ގޯލަށް ލަނޑެއް ނުވަދެ ފުރިހަމަ ކުރި 100 ވަނަ މެޗެވެ.
ދެ ވަނަ ހާފުގައި ލިވަޕޫލްގެ ޖޮއެލް މަޓިފް އަތުން ބައިކޮޅަށް ގޯލެއް ވަތް ނަމަވެސް އޭގެ ކުރިން ޔުނައިޓެޑްގެ ކްރިސް ސްމޯލިން އޮފްސައިޑްވުމުން ރެފްރީ އެ ލަނޑު ނުލަ އެވެ.
މިއީ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑާއި ލިވަޕޫލް ކުޅުނު މެޗެއް ލަނޑެއް ނުޖެހި ނިންމާލި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މި ނަތީޖާއާ އެކު އޮލެ ގުނަ ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑުން ލީގުގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑަށް ވަނީ މެޗެއް އިތުރުވެފަ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އަނިޔާގެ ސަބަބުން މެޗުގެ ކުރީ ކޮޅުގަައި ކުޅުން ހުއްޓާލަން ޖެހުމުން ކުޅުމަށް ވަރަށް ބޮޑަށް އަސަރުކުރިކަމަށާއި އެކަމަކު މިއީ ލިވަޕޫލަށް މޮޅުވެވޭނެ މެޗެއް ކަމަށެވެ. އެހެެން ނަމަވެސް މި ވަގުތު ޔުނައިޓެޑް އޮތް ފޯމަށް ބަލާއިރު، މިއީ ގޯސް ޕޮއިންޓެއްގެ ގޮތުގައި ނުދެކޭ ކަމަށް ބުންޏެވެ.
އަމިއްލަ ދަނޑުގައި ޕޮއިންޓަކުން ފުއްދާލަން ޖެހުނު ނަމަވެސް ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ހުރީ ހިތްހަމަ ޖެހިފަ އެވެ. އޭނާ ބުނީ އަނިޔާގެ ސަބަބުން ތިން ކުޅުންތެރިން ބަދަލުކުރަން ޖެހުނުއިރު، އެ ޓީމުގެ މާކަސް ރެޝްފޯޑް ވެސް މެޗުގައި ކުޅުނީ އަނިޔާއެއްގައި ހުރެ ކަމަށެވެ.