ސީފުޑް ކެއުމުން އަންހެނެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި
ސީފުޑް ކެއުމުން އަންހެނެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި

ސީފުޑަށް އެލާޖިކްވެ، އަންހެނެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގއ. ދާންދޫ ދާއިރާގެ މެމްބަރު، އަހުމަދު އައްސަދުގެ ދަރިފުޅު ފާތިމަތު ހަނާ، 24، ރެސްޓޯރަންޓަކުން، ސީފުޑް ހުރި އެއްޗެއް ކެއުމުގެ ސަބަބުން ހާލު ގޯސްވެ، މިދިޔަ ހުކުރު ދުވަހުގެ ރެއިން ފެށިގެން އަންނަނީ އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން އައްސަދު ވިދާޅުވީ އަބަދުވެސް ސީފުޑަށް އެލާޖިކްވާ ހަނާއާ މެދު ޑޮކްޓަރުން މިހާރު އުއްމީދު ކަނޑާލާފައިވާ ކަމަށެވެ.

"ޑޮކްޓަރުން ވެސް މިހާރު އެ ތިބީ އުއްމީދު ކަނޑާލައިގެން. ދެން އޮތީ ޝިފާއަށް އެދި ﷲއަށް ދުއާކުރުން،" އައްސަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަނާގެ ހާލު އެހާ ގޯސްވީ ފަރުވާކުރުން ލަސްވުމުގެ ސަބަބުންނެވެ. ރަހުމަތްތެރިންނާއެކު ގޮސް ކެއުން ނިންމާލާފައި، ހާލު ގޯސްވާތީ އޭނާ އެންމެ ފުރަތަމަ ދިޔައީ އައިޖީއެމްއެޗަށެވެ. އަދި ބޭސް ފިހާރައަކުން ގަތް "އެލާޖީ ބޭހެއް" ކައިގެން ގެއަށް އައިފަހުން ހާލު ދަށަށް ދާން ފެށީ ކަމަށް އައްސަދު ވިދާޅުވި އެވެ.

"ހަނާ އޭޑީކޭއަށް ގެންދިޔައީ އޭގެ ދޮޅުގަޑިއިރެއްހާއިރު ފަހުން. އޭރު ވެސް ހާލު ގޯސް،" އޭނާ ވިދާޅުވި އެވެ.

އައްސަދު ވިދާޅުވި ގޮތުގައި ކެއުމުގައި ބައިވެރިވި ހަނާގެ ރަހުމަތްތެރިންނަށް ސިއްހީ މައްސަލައެއް ދިމާވެފައި ނުވާތީ، އެއީ ރެސްޓޯރަންޓުގެ މައްސަލައެއް ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"ހަނާއަށް ވެސް އެނގޭނެ އޭނާ ކޮންމެވެސް ވަރަކަށް ސީފުޑަށް އެލާޖިކްވާކަން. އެކަމަކު އޭނާ ކާހިތްވާތީ ކެއީ. ވަރަށް ކުޑަކޮށް ކަމަށް ވަނީ ކެއީ ވެސް،"