24 ފެބުރުއަރީ 2019 - 20:42

އިންޑިއާގެ ނިއު ދިއްލީ އިންޓަނޭޝަނަލް މެރެތަންގައި މިއަދު ހާފް މެރެތަންގެ އިވެންޓުގައި ދުވެ ރާއްޖޭގެ މުހައްމަދު ރަޝީދު (މޯޑް) އަމިއްލަ ރެކޯޑް އާކޮށް އުމުރުފުރާ އިން ތިން ވަނަ ހޯދައިފި އެވެ.
މެރެތަން ޝޮޕުން ސްޕޮންސާކޮށްގެން ދުވި މޯޑް 25-30 އަހަރާ ދެމެދުގެ ބައިން ތިން ވަނަ ހޯދީ 1 ގަޑި 16:24 މިނެޓުން ދުވެގެންނެވެ. މެރެތަން އަށް ހާއްސަ ދުވުންތެރިޔާ ހާފް މެރެތަން މި ދުވީ މި އަހަރުގެ ޖުލައި މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ހާފް މެރެތަން އިވެންޓުގައި ރާއްޖެ ތަމްސީލްކުރުމަށް، ކޮލިފައިވާން ޖެހޭ ޓައިމިން އަށް ވާސިލްވާން ކުރާ މަސައްކަތުގެ ތެރެއިންނެވެ. އޭނާ ވަރަށް އަވަހަށް ބައިނަލްއަގްވާމީ އިތުރު ހާފް މެރެތަން ރޭހެއް ވެސް ދުވާނެ އެވެ.
އެންމެ ގިނަ މެރެތަން ދުވެފައިވާ ދިވެހި ދުވުންތެރިޔާ އަދި މޯޑުގެ ކޯޗު ނަސްރުﷲ އަހުމަދު ވަނީ މިއަދުގެ އިވެންޓުގައި ފުލް މެރެތެން ރޭހުގައި ދުވެ އޭނާގެ 37 ވަނަ މެރެތަން ފުރިހަމަކޮށްފަ އެވެ. ނަސްރު ރޭސް ނިންމީ 3 ގަޑި 27:35 މިނެޓުންނެވެ. އޭނާ އަކީ 357 ދުވުންތެރިން ވާދަކުރި 35-40 އަހަރާ ދެމެދުގެ އުމުރުފުރާގެ 31 ވަނަ އެވެ.
މޯޑް ވަނީ މިދިޔަ މަހު އޮތް ދުބާއީ މެރެތަންގައި ތިން މިނެޓުގެ ކުރިއެރުމަކާ އެކު 2 ގަޑި 37 މިނެޓުން ފުލް މެރެތަންއެއް ޖަހައިފަ އެވެ. ތިން އަހަރުގެ ތެރޭގައި 14 މިނެޓުގެ ކުރިއެރުމެއް ހޯދި މޯޑް މި ވަގުތު ތަމްރީންތައް ކުރިއަށް ގެންދަނީ އަމިއްލަ ގޮތުންނާއި ބައެއް ސްޕޮންސަރުންގެ އެހީން އަދި ސިފައިންގޭގެ އެއްބާރުލުމާ އެކު އެވެ. މިހާރު ހުރިހާ ވިސްނުމެއް ހުރީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އިން ފުރުސަތު ހޯދުމަށެވެ.