24 ފެބުރުއަރީ 2019 - 17:59

ނަޓެއްލާ ތައްޔާރުކުރާ އެންމެ ބޮޑު ފެކްޓްރީ ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ސީއެންއެން ބުނި ގޮތުގައި ފްރާންސްގެ ވިލާޒް-އެކަލޭސްގައި ހިންގާ ފެކްޓްރީ ވަގުތީ ގޮތުން ބަންދު ކުރީ ނަޓެއްލާގެ ކޮލިޓީގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިގެންނެވެ. ކޮކޯ އާއި ހެޒެލް ނަޓުން ތައްޔާރުކުރާ ނަޓެއްލާއަކީ ހެނދުނު ނާސްތާގައި އާންމުކޮށް ގިނަ ބަޔަކު ޕާނާ އެކު ބޭނުން ކުރާ އެއްޗެކެވެ.
ނަޓެއްލާގެ ބެލެނިވެރި ކުންފުނި އިޓަލީގެ ފެރޭރޯ އިން ނެރުނު ބަޔާނެއްގައި ބުނީ މިކަން އިތުރަށް މިހާރު ބަލަމުން އަންނަ ކަމަށެވެ.
"އަހަރެމެންގެ ކޮލިޓީގެ ފެންވަރަށް ފްރާންސްގެ ފެކްޓަރީގައި ތައްޔާރު ކުރަމުން ދިޔަ ނަޓެއްލާގެ އުފެއްދުން ނުފެތޭތީ މި ވަގުތު އެތަނުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓުމަކަށް ގެނައީ،" ފެރޭރޯ އިން ބުންޏެވެ. "އަދި މިއީ ކިހިނެއްވެގެން ދިމާވި ކަމެއްތޯ ބަލައި، މިކަން އިތުރަށް ބަލަމުން މި އަންނަނީ. ފެކްޓަރީ ވަގުތީ ގޮތުން ބަންދުކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން."
އެ ކުންފުނިން ބުނި ގޮތުގައި ފްރާންސްގެ ފެކްޓްރީ ބަންދުކުރަން ޖެހުނަސް، ބާޒާރުގައި މި ވަގުތު ވިއްކަން ހުރި ނަޓެއްލާގެ އުފެއްދުންތަކުގައި މައްސަލައެއް ނުހުންނާނެ އެވެ. އެހެންވެ އެ އެއްޗެހި ގަނެގެން ބޭނުން ކުރުމުގައި އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމަށް ބުންޏެވެ.
ނަޓެއްލާއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ކޮކޯ ލިބުން ދަތިވެގެން، އޭގެ ބަދަލުގައި ހެޒެލް ނަޓާއި ކޮކޯ އާއި ހަކުރު ބޭނުންކޮށްގެން އިޓަލީގެ އޭރުގެ މަޝްހޫރު ޝެފް ޕިއެޓްރޯ ފެރޭރޯ ވުޖޫދަށް ގެނައި އެއްޗެކެވެ. އަދި މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައިޗާ އެއްޗެކެވެ.