ހާއްސަ މެޗަށް އަޔާލާ ރާއްޖެ އަތުވެއްޖެ
ހާއްސަ މެޗަށް އަޔާލާ ރާއްޖެ އަތުވެއްޖެ

ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިތާ އަށް އަހަރު ފުރުން ފާހަގަކުރުމަށް ކުޅޭ ހާއްސަ ފުޓްބޯޅާ މެޗުގައި ބައިވެރިވުމަށް އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ރޮބާޓޯ ފަބިއަން އަޔާލާ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ހާއްސަ މެޗަށް އަޔާލާ ރާއްޖެ އަތުވެއްޖެ
ހާއްސަ މެޗަށް އަޔާލާ ރާއްޖެ އަތުވެއްޖެ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން، އަޔާލާ އަށް މަރުހަބާ ކިޔާފައިވަނީ އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި އެ އެސޯސިއޭޝަނުގެ އިސްވެރިންނެވެ. އަޔާލާ ރާއްޖެ އައީ އޭނާގެ އާއިލާއާ އެކު އެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމާއި މިހާރުގެ ގައުމީ ޓީމު އަންނަ ހޯމަ ދުވަހުގެރޭ ވާދަކުރާ މެޗުގައި އަޔާލާ ކުޅުމަށް ހަމަޖެހިފައިވަނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށެވެ. މި މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުން، ސްޕެއިނާއި ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް އާދީއްތަ ދުވަހު ރާއްޖެ އަންނާނެ އެވެ. އެކަމަކު އޭނާ މެޗުގައި ނުކުޅޭނެ އެވެ.

އާޖެންޓީނާ ގައުމީ ޓީމަށް 1994 އިން 2007 އަށް 115 މެޗު ކުޅެދީފައިވާ އަޔާލާ ވަނީ 1998، 2002 އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅެފަ އެވެ. މީގެ އިތުރުން އޭނާ ވަނީ އެތެންސްގައި 2004 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ ރަން މެޑަލް ހޯދި އާޖެންޓީނާ ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި 1996 ވަނަ އަހަރުގެ އެޓްލާންޓާ އޮލިމްޕިކްސްގައި އާޖެންޓީނާ އިން ރިހި މެޑަލް ހޯދިއިރު ވެސް އަޔާލާ ކުޅުނެވެ.

ކްލަބް ކެރިއަރުގައި އޭނާ ވަނީ އާޖެންޓީނާގެ ރިވަޕްލޭޓާއި އިޓަލީގެ އޭސީ މިލާނާއި ނަޕޯލީ އާއި ސްޕެއިނުގެ ވެލެންސިއާ އާއި ވިޔަރެއާލް އަދި ރެއާލް ޒަރަގޯޒާ އަށް ކުޅެފަ އެވެ. މިލާނަށް 1998 އިން 2000 ވަނަ އަހަރުގެ ނިޔަލަށް ކުޅެ އޭނާ އެ ޓީމާ އެކު އިޓާލިއަން ލީގު ކާމިޔާބުކުރިއިރު ވެލެންސިއާއާ އެކު 2002 އަދި 2004 ވަނަ އަހަރު ސްޕެނިޝް ލީގު ހޯދި އެވެ. މީގެ އިތުރުން ރަފައެލް ބެނިޓޭޒްގެ ކޯޗުކަމުގެ ދަށުން ވެލެންސިއާ އިން 2004 ވަނަ އަހަރުގެ ޔުއެފާ ކަޕް ކާމިޔާބުކުރިއިރު އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ.