ކޮމިޓީގެ ނިންމުން ބަދަލުކޮށް ދެ ސަފީރަކަށް ރުހުން ދީފި
ކޮމިޓީގެ ނިންމުން ބަދަލުކޮށް ދެ ސަފީރަކަށް ރުހުން ދީފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދެ ގައުމަކަށް ކަނޑައަޅަން ނިންމެވި ސަފީރަކަށް ރުހުން ނުދިނުމަށް ގައުމީ ސަލާމަތުގެ ކޮމިޓީން ކުރިން ނިންމި ނިންމުން ބަދަލުކޮށް، ދެ ބޭފުޅުންނަށް އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ އިއްތިފާގުން ރުހުން ދީފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ، ގައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ ތައިލެންޑްގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ޖިނާހު އަދި ސައުދީ އަރަބިއްޔާ އަށް ކަނޑައަޅާ ދިވެހި ސަފީރަކަށް މުހައްމަދު ޚަލީލް އައްޔަން ކުރަން ނުފެންނަ ކަމަށެވެ. އެކަމަކު، ޗައިނާގައި ހުންނަވާ ސަފީރަކަށް އައިޝަތު އަޒީމާ އައްޔަން ކުރަން ގައުމީ ސަލާމަތުގެ ކޮމިޓީން އެ ދުވަހު ވަނީ ރުހުން ދީފަ އެވެ.

ނަމަވެސް، މިއަދު ބޭއްވި ގައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަ މެމްބަރުންގެ އިއްތިފާގުން ޖިނާހު އާއި ޚަލީލަށް ރުހުން ދިނުމަށް ވަނީ ފާސްކޮށްފަ އެވެ.

ކޮމިޓީން އެގޮތަށް ކަނޑައެޅި ނަމަވެސް، މަޖިލީހުގެ ޖަލްސާގައި އެބޭފުޅުންނަށް ރުހުން ދިނުމަށް ފެނޭތޯ ވޯޓަށް އަހާނެ އެވެ. ސަފީރުންނަށް ރުހުން ލިބުނު ކަމަށް ފާސް ވާނީ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މީގެ ކުރިން ބޭއްވި ގައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުމުގައި ދެކޮޅަށް ވޯޓު ދެއްވި ބައެއް މެމްބަރުން މިއަދުގެ ބައްދަލުވުމުގައި، ޖިނާހު އާއި ޚަލީލަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވި އެވެ.

ދެ ބޭފުޅުންގެ ތެރެއިން ޚަލީލަކީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލްގެ ކޮއްކޮ އެވެ.

މީގެ ކުރިން، އަށް ސަފީރަކަށް ރުހުން ދޭން މަޖިލީހުން ފާސް ކުރިއިރު، ގައުމީ ސަލާމަތުގެ ކޮމިޓީން ވެސް ވަނީ އެ ހުރިހާ ބޭފުޅުންނަށް ރުހުން ދީފަ އެވެ.

މަޖިލީހުން ރުހުން ލިބިވަޑައިގެންނެވި އަށް ބޭފުޅުންނަކީ ރާއްޖޭގެ ފަރާތުން އދ. ގައި ހުންނަވާ ދާއިމީ މަންދޫބަކަށް އަދި އެމެރިކާގެ ސަފީރަކަށް ތިލްމީޒާ ހުސައިން، ބްރަސަލްސްގެ ސަފީރަކަށް ހަސަން ސޯބިރު، އިންޑިއާގެ ސަފީރަކަށް އާއިޝަތު މުހައްމަދު ދީދީ، ލަންކާގެ ސަފީރަކަށް އުމަރު އަބްދުއްރައްޒާގް، ސިންގަޕޫރުގެ ސަފީރަކަށް ޑރ. އަބްދުﷲ މައުސޫމް، ޖަރުމަނު ސަފީރަކަށް އަހުމަދު ލަތީފް، އިނގިރޭސި ވިލާތުގެ ސަފީރަކަށް ޑރ. ފަރަހަނާޒް ފައިސަލް އަދި މެލޭޝިއާގެ ސަފީރަކަށް ވިސާމް އަލީ އެވެ.