24 ފެބުރުއަރީ 2019 - 15:33

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސުލޫކީ މިންގަނޑެއް އެ ޕާޓީން ހަދައި މިއަދު އާއްމުކޮށްފި އެވެ.
އެމްޑީޕީން ބުނި ގޮތުގައި ކެންޑިޑޭޓުންގެ ސުލޫކީ މިންގަނޑު ހަދާފައިވަނީ އިންތިޚާބުތަކާ ބެހޭ އާއްމު ގާނޫނުގައި ބަޔާންކޮށްފައިވާ ކެންޑިޑޭޓުންގެ ސުލޫކީ މިންގަނޑާއި އޭގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްފަ އެވެ. އެ ޕާޓީން ބުނީ މިއީ މިހާރުގެ ގާނޫނަށް ވުރެ ފުރިހަމަ ސުލޫކީ މިންގަނޑެއް ކަމަށް ކަމަށެވެ.
އެ މިންގަނޑުގައި ޕާޓީގެ ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި އިސްލާމްދީނުގެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ބާރު އެޅުމާއި ނަޒާހަތްތެރި ކެންޑިޑޭޓުންތަކެއް ޕާޓީގެ ފަރާތުން ނެރުމަށްޓަކައި ކެންޑިޑޭޓުންގެ މާލީ ބަޔާން އާއްމުކުރުން ހިމެނެ އެވެ.
އިންތިހާބާ ގުޅިގެން ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ ނުވަތަ ތަކެތި ހޯދަން އެއްވެސް ފަރާތަކާ ދެކޮޅަށް އެއްވެސް ބާވަތެއްގެ ނާޖާއިޒު ބާރެއް ބޭނުން ނުކުރުމާއި ވަކި މީހަކަށް ފައިދާތަކެއް ހޯދައިދޭނެކަމުގެ ހުށަހެޅުމެއް ހުށަނޭޅުމަށް ވެސް އެމްޑީޕީގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައި ވެ އެވެ. އެކަންކަމުގެ އިތުރުން ކެމްޕެއިން ޕޯސްޓަރު ފަދަ އެއްޗެހި ހަރުކުރާއިރު އެ ގެއެއް ނުވަތަ އިމާރާތުގެ ވެރިފަރާތުގެ ހުއްދަ ހޯދުން ވެސް ހިމަނާފައި ވެ އެވެ.
އޭޕްރީލް މަހު ބާއްވާ އިންތިޚާބުގައި 87 ދާއިރާގެ ތެރެއިން އެމްޑީީޕީން ވާދަކުރަނީ، ނިލަންދޫ ދާއިރާ ފިޔަވައި ބާކީ ހުރި 86 ދާއިރާއަށެވެ. އެ އިންތިޚާބުގައި 395 ކެންޑިޑޭޓުން ވާދަކުރާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ އަމިއްލަ ގޮތުން ވާދަކުރުމަށެވެ.