24 ފެބުރުއަރީ 2019 - 14:10

މިދިޔަ ޖެނުއަރީ މަހު ޔޫރަޕުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު، މިދިއަ އަހަރާ އަޅާބަލާ އިރު ނުވަ ޕަސެންޓް މައްޗަށް ހިނގައްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޖެނުއަރީ މަހު ރާއްޖެއަށް 151،552 ޓޫރިސްޓުން ޒިޔާރަތްކުރި އިރު އޭގެ ތެރޭގައި ޔޫރަޕްގެ ޓޫރިސްޓުންގެ އަދަދަކީ 83،528 އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު ނުވަ ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި ޖެނުއަރީ މަހު ރާއްޖެ އައި ހުރިހާ ޓޫރިސްޓުންގެ ނިސްބަތުން އެއީ 55 ޕަސެންޓްގެ ހިއްސާއެކެވެ.
މިދިއަ ޖެނުއަރީ މަހު ޒިޔާރަތްކުރި 151،552 ޓޫރިސްޓުންނަކީ މިދިއަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަ ޕަސެންޓްގެ ކުރިއެރުމެކެވެ.
މިދިއަ މަހު ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ އޭޝިޔާ ޕެސިފިކް ސަރަހައްދުންނެވެ. އެގޮތުން އެ ސަރަހައްދުން ރާއްޖެ އައި ޓޫރިސްޓުންގެ ނިސްބަތަކީ 36 ޕަސެންޓެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާ އިރު 4.9 ޕަސެންޓުގެ ކުރިއެރުމެކެވެ.
މިދިޔަ ޖެނުއަރީ މަހު އެމެރިކާ އިން 7،239 ޓޫރިސްޓުން ޒިޔާރަތްކޮށްފައިފައިވާ އިރު މެދުއިރުމަތިން އައީ 4،200 ޓޫރިސްޓުންނެވެ. އެފްރިކާ ސަރަހައްދުން 1،453 ޓޫރިސްޓުން އަ އެވެ.
ވަކިވަކި ގައުމުތަކަށް ބަލާ އިރު މިދިޔަ ޖެނުއަރީ މަހު ވެސް އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާ އިންނެވެ. އެ ގައުމުން ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 25،000 އަށް އަރަ އެވެ. އެކަމަކު އެއީ ކުރީ މަހު އައި ޓޫރިސްޓުންނަށް ވުރެ ދަށް މިންވަރެކެވެ.
މިދިއަ ޖެނުއަަރީ މަހަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދީ އިންޑިޔާގެ މާކެޓެވެ. އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 37 ޕަސެންޓްގެ މައްޗަށް ގޮސްފަ އެވެ.