އިންތިޚާބަށް އޮފިޝަލުންނެއް ނުލިބުނު، އަލުން ހުޅުވާލަނީ
އިންތިޚާބަށް އޮފިޝަލުންނެއް ނުލިބުނު، އަލުން ހުޅުވާލަނީ

އަންނަ އެޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ބޭނުންވާ އަދަދަށް ވޯޓު އޮފިޝަލުން ނުލިބުމުން، ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

މާލެ އާއި އަތޮޅުތަކުގައި ހަރަކާތްތެރިވާނެ ވޯޓު އޮފިޝަލުންގެ ގޮތުގައި 4،000 މީހުން ބޭނުންވެ އެވެ. އެކަމަކު، މުއްދަތު ހަމަވި އިރު ކުރިމަތިލީ 2،000 މީހުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ އިންތިޚާބުގެ ތައްޔާރީތައް ވަމުން އަންނަ އިރު މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އޮފިޝަލުން ނުލިބުން ކަމަށެވެ. އެކަމާ ގުޅޭ ގޮތުން، މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާ ވެސް އެ ކޮމިޝަނުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

"އިތުރު، 2،000 އޮފިޝަލުން ބޭނުންވޭ، އެ ފުރުސަތު މިއަދު އަލުން ހުޅުވާލާނެ،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަންގެ އިތުރުން އާއްމުންގެ ވެސް ބޮޑު ޒިންމާއެއްގެ ގޮތުގައި އެ ކޮމިޝަނުން ދެކެ އެވެ. އެހެންވެ، ކޮމިޝަނުގެ އެދުމަކީ، އިންތިޚާބަށް އެ ކޮމިޝަނުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމެވެ.

އޮފިޝަލުންނަށް ވާން ހުޅުވާލުމުން ތަރުހީބު ކުޑަވި އެއް ސަބަބަކީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވި އޮފިޝަލުންނަށް ކުރިމަތިވި ގޮންޖެހުންތައް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. ރިޔާސީ އިންތިޚާބު އޮޅުވާލީ ކަމަށް ބުނެ ޕީޕީއެމުން ހިންގި މުޒާހަރާތަކާއި އެ ނޫން ވެސް ހަރަކާތްތަކުގައި އޮފިޝަލުން ހިމެނޭ ގޮތަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ބިރު ދައްކައި އިންޒާރު ދެމުން ދިއުމަކީ ވެސް މި އިންތިޚާބަށް އޮފިޝަލުން ލިބުން ދަތިވި ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކެ އެވެ.