މާސެލޯ ރެއާލް މެޑްރިޑް ދޫކޮށްލަނީ؟
މާސެލޯ ރެއާލް މެޑްރިޑް ދޫކޮށްލަނީ؟

މެޑްރިޑް (ފެބްރުއަރީ 24) - ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފުލްްބެކް މާސެލޯ އެ ޓީމު ދޫކޮށްލަން މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ސީޒަން ފެއްޓުމުގެ ކުރިން ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމު ދޫކޮށް ޔުވެންޓަސް އަށް ބަދަލުވި ދުވަސްވަރު މާސެލޯ ވެސް އެ ކްލަބާ ގުޅެން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އޭރު މާސެލޯ ވަނީ މީޑިއާގައި ދެކެވޭ ވާހަކަތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށް ބުނެފަ އެވެ.

އެކަމަކު ފަހަކަށް އައިސް ރެއާލުގެ މެޗުތަކުގައި ސަޕޯޓަރުންގެ ނުރުހުން މާސެލޯ އަށް އަމާޒުވެފައިވާއިރު، އޭނާ އަށް ބައެއް މެޗުތަކުގައި ފުރުސަތު ނުދޭން ރެއާލުގެ ކޯޗު ސަންޓިއާގޯ ސޮލާރީ ވެސް ވިސްނި އެވެ. ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 30 އަހަރުގެ މާސެލޯ ކްލަބް ބަދަލުކުރަން ބޭނުންވާކަން ވަނީ ރެއާލުގެ ބޯޑަށް ހުށަހަޅައިފަ އެވެ.

މާސެލޯގެ ގާތް އެކުވެރިޔަކާ ހަވާލާދީ ބްރެޒިލްގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި މާސެލޯގެ ވިސްނުން ހުރީ އިޓާލިއަން ލީގުގެ ކްލަބަކަށް ބަދަލުވުމަށެވެ. އޭޝިއާގެ ކްލަބްތަކަކުން ބޮޑު މުސާރަ ލިބޭ ހުށަހެޅުންތަކެއް މާސެލޯ އަށް ލިބިފައިވީ ނަމަވެސް އޭނާގެ ވިސްނުން އަދި ހުރީ ޔޫރަޕުގެ މަތީ ފަންތީގެ ކްލަބަކަށް ކުޅުމަށް ކަމަށެވެ.

ރެއާލަށް 2007 ވަނަ އަހަރު ބަދަލުވި މާސެލޯ އަކީ ފާއިތުވި އަހަރުތަކުގައި އެ ޓީމުން ހޯދި ކާމިޔާބީތަކުގައި ބޮޑު ހިއްސާއެއް އޮތް ކުޅުންތެރިއެކެވެ. މާސެލޯ ވަނީ ރެއާލުގައި ހުރެ މިހާތަނަށް 20 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަ ކާމިޔާބީ އަކީ ހަތަރު ޗެމްޕިއަންސް ލީގެވެ.