24 ފެބުރުއަރީ 2019 - 11:07

ރިޔާޒް (ފެބްރުއަރީ 24) - އެމެރިކާގައި ހުންނަ ސައުދީ ސަފީރުގެ މަގާމަށް ޕްރިންސަސްއެއް ކަމަށްވާ ރީމާ ބިންތު ބަންދަރު އަލް ސައުދު ހަމަޖައްސައިފި އެވެ.

މިއީ ސައުދީގެ ތާރީޚުގައި ވެސް އެމެރިކާ ސަފީރަކަށް އަންހެނަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ. ޕްރިންސަސް ރީމާގެ ޅަ އުމުރުގެ ބޮޑު ބައެއް ހޭދަކުރެއްވީ ވޮޝިންޓަނުގަ އެވެ.
އެމެރިކާ އަށް ކަނޑައަޅާފައި ހުންނަ ސައުދީ ސަފީރުގެ މަގާމުގައި މިހާރު ހުންނެވީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ކޮއްކޯފުޅު ޕްރިންސް ޚާލިދު ބިން ސަލްމާން އެވެ. އޭނާ ވަނީ ޑިފެންސް މިނިސްޓަރުގެ ނައިބުގެ މަގާމަށް ހަމަޖައްސައިފަ އެވެ. ސައުދީ ޑިފެންސް މިނިސްޓަރަކީ ވަލީ އަހުދު މުހައްމަދެވެ.
އެއާފޯސް ޕައިލެޓެއް ކަމަށްވާ ޕްރިންސް ޚާލިދަށް އެމެރިކާ ސަފީރުގެ މަގާމު ދީފައި ވަނީ 2017 ވަނަ އަހަރު އެވެ.
ޕްރިންސަސް ރީމާގެ ބައްޕާފުޅު ބަންދަރު ބިން ސުލްތާން އަލް ސައުދު ވަނީ އެމެރިކާ ސަފީރުގެ މަގާމު 1983 އިން 2005 އަށް އަދާކުރައްވައިފަ އެވެ. އެ ދުވަސްވަރު ރީމާ ވެސް ދިރިއުޅުއްވީ އެމެރިކާގަ އެވެ. ޖޯޖް ވޮޝިންޓަން ޔުނިވާސިޓީން އެކަމަނާ ވަނީ މިއުޒިމް ސްޓަޑީޒް އިން ބީއޭ ހާސިލްކުރައްވައިފަ އެވެ. ދެހާސް ފަސް ވަނަ އަހަރު ސައުދީ އަށް އެނބުރި ވަޑައިގެން ރީމާ ވަނީ ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރައްވައިފަ އެވެ. ވަރަށް ގިނަ ކުންފުނިތަކުގެ ސީއީއޯގެ މަގާމު އެކަމަނާ ވަނީ އަދާކުރައްވައިފަ އެވެ.
ޕްރިންސަސް ރީމާ އަކީ އަންހެނުންގެ ހައްގުތަކަށް ސައުދީގައި އަޑުއުފުއްލަވާ ފަރާތެކެވެ. ދާދި ފަހުން އެކަމަނާ ވަނީ ސައުދީ ޖެނެރަލް ސްޕޯޓްސް އޮތޯރިޓީގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.