26 އޯގަސްޓް 2016 - 11:42

ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީން ގަތް 36 މިލިއަން ޑޮލަރުގެ ޑްރެޖަރު އަންނަ އަހަރުގެ ކުރީކޮޅު ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
"މަހާ ޖައްރާފް" ނަމުގައި އައިއެޗްސީ ހޮލެންޑް ކުންފުނިން ބަންނަމުން އަންނަ ޑްރެޖަރަކީ 90 މީޓަރު ފުޅާ ބޯޓެކެވެ. އަދި 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ހުންނަ މި ބޯޓުގައި އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު "މިހާރު"އާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ ޑްރެޖަރު ރާއްޖެ ގެނެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މާޗު މަސް ނިމުމުގެ ކުރިން ކަމަށެވެ. ނަމަވެސް ޑްރެޖަރުގެ ހުރިހާ މަސައްކަތެއް މި އަހަރުގެ ޑިސެމްބަރު މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ.
"މާޗު މަހުގެ ކުރިން ވެސް ޑްރެޖަރު ގެނެވޭތޯ މަސައްކަތް މި ކުރަނީ، މި ޑްރެޖަރު ވާނެ ދުނިޔޭގެ ފެންވަރުގެ ބޯޓަކަށް،" ޗައިނާގައި މިވަގުތު ހުންނެވި ޒިއަތު ވިދާޅުވި އެވެ.
ޒިއަތު ވިދާޅުވި ގޮތުގައި މި ޑްރެޖަރުގެ ސަބަބުން އެމްޓީސީސީ އާ ހަރުފަތަކާ ދިމާލަށް މިސްރާބު ޖެހީ އެވެ. އަދި މި ޑްރެޖަރާއެކު ބޮޑެތި ޕްރޮޖެކްޓްތައް ހިންގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ޑްރެޖަރުގެ ހާއްސަ ކަމަކީ ކަނޑު އަޑިން ވެލި ނެގޭނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަން،" އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީން ދާދިފަހުން ވަނީ ޑްރެޖަރުގެ ސްކޭލް މޮޑެލްއެއް ދައްކާލައިފަ އެވެ. އެ މޮޑެލްގައި އެމްޓީސީސީގެ ނަމާއި ލޯގޯ އަދި ކުލަތައް ފެނިގެންދެ އެވެ.
އެމްޓީސީސީން ގެންނަ އެ ޑްރެޖަރުގެ ސަބަބުން ބިން ހިއްކުމަށް ނަގާ މުއްދަތު އަވަސްވެ، ގައުމުގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ހިންގިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.