25 ފެބުރުއަރީ 2019 - 07:16

ކަންގަނާ ރަނާވަތަށް ދުވަހަކު ވެސް މީހުންގެ ފާޑުކިޔުންތަކާއި މަލާމާތުން ސަލާމަތް ވެވޭނެ ބާވަ އެވެ؟
މި ފަހަރު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އޭނާ އަށް ޖޯކް ޖަހަނީ މިދިޔަ މަހު ނެރުނު ފިލްމު "މަނިކަރުނިކާ: ދި ކްއީން އިފް ޖާންސީ" ގައި ހަނގުރާމައިގެ މަންޒަރެއް ނަގާ އިރު، ކަންގަނާ އަސްލު އަހެއް ދުއްވުމުގެ ބަދަލުގައި ހަދާފައި އިން މެކޭނިކަލް އަހެއް ދުއްވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.
އޭގައި ފެންނަނީ ކަންގަނާ ހަނގުރާމައިގެ ހެދުމުގައި ކަނޑިއަކާ އެކު ހުދު ކުލައިގެ އަހެއްގެ "ބައެއް" ގެ މަތީގައި އިށީނދެގެން އިންނަ ތަނެވެ. އެ މަންޒަރު ކްލޯޒް ޝޮޓަކުން ދައްކާ އިރު، އޭނާގެ ފަހަތުގައި ތިބޭ މީހުން ތިބެނީ އަސްލު އަސްތަކެއްގެ މައްޗަށް ސަވާރުވެގެންނެވެ.
ކަންގަނާ "މަނިކަރްނިކާ" ގައި ފޭކް އަސް ދުއްވި ވީޑިއޯ އާންމުވުމުން ގިނަ ބަޔަކު އޭނާ އަށް ޖޯކު ޖަހައި، މަލާމާތްކުރާ އެއް ސަބަބަކީ މި ފިލްމުގެ ޝޫޓިން ތެރޭގައި ކަންގަނާ އަސް ދުއްވުމުގެ ޓްރޭނިންތަކެއް ހަދަނިކޮށް، އަހަކުން ވެއްޓި ޒަހަމްވެ، ނިތްކުރި މަތިން ފަޅައިގެން ގޮސް ފަރުވާ ދޭން ޖެހުނު ކަމަށް ކުރިން ރިޕޯޓްކޮށްފައިވާތީ އެވެ.
އެ ހާދިސާއާ ބެހޭ ގޮތުން އޭރު ކަންގަނާ ވަނީ މޫނުގައި ލަކުނެއް ލުމަކުން ދެރަ ނުވާ ކަމަށް ބުނެފަ އެވެ. ސަބަބަކީ "މަނިކަރްނިކާ" އަކީ އިންޑިއާގެ ތާރީހުގައި ވަރަށް ފާހަގަކޮށްލެވުނު އަންހެން ހަނގުރާމަވެރިޔާ ރާނީ ލަކްޝްމީބާއީގެ ރޯލް ކުޅެން ލިބުނު ފިލްމަށްވުމެވެ.
އެހެންވެ އެހާ ވަރުގަދަ ޝަހުސިއްޔަތެއްގެ ރޯލް ފިލްމެއްގައި ކުޅުމުގެ ތެރޭގައި ކިތަންމެ ދަލަކާއި ލެއެއް އޮހޮރުވައިލަން ޖެހުނަސް، އެއީ ޝަރަފެއްގެ ގޮތުގައި އޭނާ ސިފަކޮށްފައިވެ އެވެ.
އެކަމަކު އާންމު މި ވީޑިއޯގައި ކަންގަނާ "ކުޅޭކުޅޭ" އަހެއް ދުއްވާ ތަން ފެނުމުން ގިނަ ބަޔަކު ވަނީ ވެއްޓި ޒަހަމްވީ މި އަސް ދުއްވަނިކޮށްތޯ ސުވާލު އުފައްދައި އެކި ކަހަލަ ޝުއޫރުތައް ފާޅުކޮށްފަ އެވެ.
ނަމަވެސް ބައެއް މީހުން ވަނީ އެއީ މައްސަލައެއް ނޫން ކަމަށާއި މި ފަހަކަށް އައިސް ހަދާ ގިނަ ފިލްމުތަކަކީ ވީއެފްއެކްސް (ސްޕެޝަލް އިފެކްޓްސް) އިން ފުރާލާފައި ހުންނަ ފިލްމުތަކަކަށްވާތީ އެފަދަ ފިލްމުތަކުގެ ގިނަ މަންޒަރުތަކަކީ ހަގީގަތެއް ނޫންކަން ގަބޫލު ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.
އެގޮތުން "ބާހްބަލީ" ފަދަ ހަނގުރާމައިގެ ވަރުގަދަ މަންޒަރުތައް ގެނެސް ދިން ފިލްމުތައް ވެސް ޝޫޓްކޮށްފައި ވަނީ ގްރީން ސްކްރީން ބޭނުންކޮށްގެން ކަމަށާއި ފިލްމުގެ މަންޒަރުތައް ފުރިހަމަކޮށްފައި ވަނީ ވީއެފްއެކްސް އިން އިންތިހާ އަށް ބޭނުންކޮށްގެން ކަމަށް ބުނެފައިވެ އެވެ. އަދި ބައެއް މީހުން ވަނީ ޖޭމްސް ކެމެރެންގެ 1997 ގެ ފިލްމު "ޓައިޓޭނިކް" ކުޅުނީ އެންޓާޓިކް ކަނޑުގައި ނޫން ކަމަށް ވެސް ގަބޫލު ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.
ކަންގަނާގެ ދިފާއުގައި ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވާ ގޮތުން އޮއްޓަރެއް ނެތް ކޮމެންޓްތައް ކުރަނީ ފިލްމު މޭކިން ޕްރޮސެސްގެ އެއްވެސް ކަމެއްދަމެއް ނޭނގޭ މީހުންނެވެ.
"މަނިކަރްނިކާ" އާ ގުޅިގެން ކަންގަނާ އަށް ޖޯކް ޖަހަން ގިނަ ބަޔަކަށް މަގުފަހިކޮށް ދިން ވީޑިއޯއެއް
އާންމުވެފައި މި ވަނީ މި ފިލްމުގެ 70 ޕަސަންޓް ޑައިރެކްޓް ކުރީ ވެސް ކަންގަނާ އަށް އަމިއްލަ އަށް ކަމަށް ދައުވާ ކުރަން ފެށުމުން މީގެ ޑައިރެކްޝަނާ ހަވާލުވި ކްރިޝް ކަންގަނާއާ ދެކޮޅަށް ވާހަކަތައް ވެސް ދައްކަމުންދާ ދަނޑިވަޅެއްގަ އެވެ.