ކުރީގެ ކްލަސިކް "ޖާނޭ ބީ ދޯ ޔާރޯ" ގެ ދެވަނަ ބައި ހަދަނީ
ކުރީގެ ކްލަސިކް "ޖާނޭ ބީ ދޯ ޔާރޯ" ގެ ދެވަނަ ބައި ހަދަނީ

ކުރީގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމޭކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ކުރީގެ ކުލެސިކެއްގެ ދެވަނަ ބައި ގެނެސްދޭން ނިންމައިފި އެވެ.

ފިލްމީ ޚަބަރުތައް ދިރާސާކުރާ މަޝްހޫރު ޑިސްޓްރިބިއުޓަރު ގިރިޝް ޖޯހަރު ކުރި ޓްވީޓެއްގައިވާ ގޮތުން ސީކްއެލްއެއް ހަދަން ނިންމާފައި ވަނީ 1983 ގައި ރިލީޒްކުރި މަގުބޫލު ކޮމެޑީ ފިލްމު "ޖާނޭ ބީ ދޯ ޔާރޯ" އެވެ. އެކަމަކު މިއާ ބެހޭ އިތުރު އެއްވެސް ވާހަކައެއް އޭނާ ހިއްސާކޮށްފައެއް ނުވެ އެވެ.

ނަމަވެސް ބައެއް މީޑިއާތަކުން ބުނި ގޮތުގައި "ޖާނޭ ބީ ދޯ ޔާރޯ" ގެ ސީކްއެލް ވެސް ގެނެސް ދެނީ ފުރަތަމަ ބައި އުފެއްދި ފީރޯޒް ނަދިއަދްވާލާ އާއި ނެޝަނަލް ފިލްމު ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ (އެންއެފްޑީސީ) ގުޅިގެންނެވެ. އަދި ދެވަނަ ބައިގެ ސްކްރިޕްޓް ވެސް ނިމިފައިވާ ކަމަށްވެ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު މަރުވި ޑައިރެކްޓަރު ކުންދަން ޝާހް ޑައިރެކްޓްކުރި ފިލްމުގެ މުހިއްމު ތަރިންނަކީ ނަސީރުއްދީން ޝާހް، ސަތިޝް ޝާހް، އޯމް ޕޫރީ، ނީނާ ގުޕްތާ، ޕަންކަޖް ކަޕޫރް، ރަވީ ބަސްވާނީ، ބަކްތީ ބަރްވޭ އަދި އަޝޯކް ބަންތިއާ އެވެ

މީޑިއާތަކުން "ޖާނޭ ބީ ދޯ ޔާރޯ" އިން ވެސް ޕްރިކްއެލްގެ ބައެއް ތަރިން ފެންނާނެ ކަމަށެވެ. އޭގެ ތެރޭގައި ނަސީރުއްދީނާއި ބަސްވާނީ ހިމެނެ އެވެ.

އޮގަސްޓް، 12، 1983 ގައި ސިނަމާތަކަށް ގެނައި "ޖާނޭ ބީ ދޯ ޔާރޯ" އަކީ ހިންދީ ސިނަމާގެ އެންމެ މޮޅު ކޮމެޑީ ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ. އަދި މި ފިލްމު އަލުން ނޮވެމްބަރު، 2، 2012 ގައި ވެސް ސިނަމާތަކަށް ގެނެސްފައިވެ އެވެ.

ކުރީގެ ކާމިޔާބު ފިލްމުތަކުގެ ތެރެއިން ރިމެކް ހަދަން ނިންމާފައިވާ ފިލްމުތަކުގެ ތެރޭގައި 1964 ގެ "ވޯ ކޯން ތީ؟" އާއި 1969 ގެ "ރާތު އޯރް ދިން" ހިމެނެ އެވެ.