އާސެނަލަށް ސްޕެނިޝް ފޯވާޑެއް، މުސްތަފީ ވެސް ގެންނަނީ
އާސެނަލަށް ސްޕެނިޝް ފޯވާޑެއް، މުސްތަފީ ވެސް ގެންނަނީ

ލަންޑަން (އޮގަސްޓް 26) - ޑިޕޯޓިވޯ ލަ ކޮރޫނާގެ ސްޕެއިން ފޯވާޑް ލޫކަސް ޕެރޭޒް ގަންނަން އާސެނަލް އިން އެއްބަސްވުމަކަށް އައިއިރު ވެލެންސިއާގެ ޖަރުމަން ޑިފެންޑަރު ޝްކޮދާން މުސްތަފީ ގަތުމާ ގާތަށް ވެސް އެ ކްލަބް ގޮސްފި އެވެ.

އުމުރުން 27 އަހަރުގެ ލޫކަސް ވަނީ މިދިޔަ ސީޒަނުގައި 37 މެޗުން 17 ގޯލް ޖަހައިފަ އެވެ. އާސެނަލް އިން އޭނާ ގަންނަނީ، އޭނާގެ ކޮންޓްރެކްޓް އުވާލުމަށް ދައްކަން ޖެހޭ 20 މިލިއަން ޔޫރޯ ދެއްކުމަށް ފަހު އެވެ. ސްޕެއިން ގައުމީ ޓީމަށް ކުޅެފައި ނުވާ ލޫކަސް ވަނީ މީގެ ކުރިން ޔޫކްރޭން އަދި ގްރީކުގެ ޓީމުތަކަށް ވެސް ކުޅެފަ އެވެ.

އާސެނަލް އިން މުސްތަފީ ގަންނަނީ 35 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަގެއްގަ އެވެ. އުމުރުން 24 އަހަރުގެ މުސްތަފީ އަކީ ޖަރުމަން ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ. އިންގްލެންޑުގެ އެވަޓަން އިން ކެރިއަރު ފަށައި އިޓަލީގެ ސަމްޕްޑޯރިއާ އިން ފާހަގަވި މުސްތަފީ ޖަރުމަން ގައުމީ ޓީމަށް 12 މެޗު ކުޅެދީފަ އެވެ.

އާސެނަލް އިން އާ ކުޅުންތެރިން މި ގަންނަނީ، ކުޅުންތެރިން ނުހޯދާ މައްސަލައިގައި ކޯޗު އާސެން ވެންގާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ. ލީގުގެ ފުރަތަމަ މެޗުން ލިވަޕޫލް އަތުން ބަލިވެ ދެ ވަނަ މެޗުން ލެސްޓާ ސިޓީއާ އެއްވަރުވެފައިވާއިރު، ވެންގާ ބުނީ އެ ކްލަބަށް ކުޅުންތެރިން ގެންނާނީ އެކަށީގެންވާ އަގުތަކެއްގައި ކަމަށެވެ.

އާސެނަލް އިން ވަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ސްވިޒަލެންޑް މިޑްފީލްޑަރު ގްރަނިޓް ޗަކާ އަދި ޑިފެންޑަރު ރޮބް ހޯލްޑިން އާއި ފޯވާޑް ޓަކުމާ އަސަނޯ އަދި މިޑްފީލްޑަރު ކެލެޗީ ވަކަލީ ގެނެސްފަ އެވެ.