ދަ ގްރާންޑޭގެ ކޯޗަކަށް އިންމަ ހަމަޖައްސައިފި
ދަ ގްރާންޑޭގެ ކޯޗަކަށް އިންމަ ހަމަޖައްސައިފި

މި އަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗަކަށް މާޒިޔާގެ ކުރީގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ހަމަޖައްސައިފި އެވެ.

ދަ ގްރާންޑޭގެ ކޯޗަކަށް އިންމަ ހަމަޖައްސައިފި
ދަ ގްރާންޑޭގެ ކޯޗަކަށް އިންމަ ހަމަޖައްސައިފި

ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުނު އިންމަ ސޮއިކުރީ އެއް އަހަރުގެ އެއްބަސްވުމެއްގަ އެވެ.

މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ދަ ގްރާންޑޭ އަށް ހޯދައިދީ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން އިރު ކޯޗަކަށް ހުރީ ވިކްޓަރީގެ ކުރީގެ ކުޅުންތެރިއާ ފަރީދު މުހައްމަދު (ފަރިއްޓެ) އެވެ. މި ފަހަރުގެ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ދަތުރުކުރި ދަ ގްރާންޑޭގެ ޒުވާން ޓީމުގެ ކޯޗުކަން ކުރީ ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކެއްގައި މަސައްކަތްކުރި އަހުމަދު ނާޝިދު (ނާދު) އެވެ.

މާޒިޔާ 2006 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި އިރު އެ ޓީމާ ހަވާލުވެ ހުރީ އިންމަ އެވެ. އަހަރުން އަހަރަށް ޓީމު ވަރުގަދަކޮށް ޓީމު ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކުރަމުން އައީ އިންމަގެ ކޯޗުކަމުގަ އެވެ. އެކަމަކު އިންމަގެ ކޯޗުކަމުގައި މާޒިޔާ އިން ހޯދި ހަމައެކަނި ކާމިޔާބީ އަކީ 2012 ވަނަ އަހަރުގެ އެފްއޭ ކަޕް އެވެ.

ދަ ގްރާންޑޭ އިން ދެކޭ ގޮތުގައި އެ ކްލަބް ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކުރަން ކުރާ މަސައްކަތުގައި އިންމަގެ ތަޖުރިބާގެ ބޭނުން ކުރެވޭނެ ކަމަށާއި ޓީމު ކުރިއަށް ގެންދަން އެންމެ ގާބިލު އެއް ކޯޗަކަށް ކްލަބަށް ގަބޫލުކުރެވެނީ އިންމަ ކަމަށެވެ.

"ކްލަބަށް އެންމެ ރަނގަޅު ކޯޗަކަށް ފެނުނީ އަސްލު އިންމަ. ކްލަބްގެ ޕްލޭނާ އެއްގޮތަށް އިންމަ އަށް ކުރިއަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ދަ ގްރާންޑޭގެ ޗެއާމަން ނަސީހު މުހައްމަދު (ނަސީ) "މިހާރަ"ށް ވިދާޅުވި އެވެ.

އިންމަ މާޒިޔާ ކޯޗުކަމުން އެންމެ ފުރަތަމަ ވަކިވީ ދިވެހި ލީގުގައި 2014 ވަނަ އަހަރު މާޒިޔާ ކުޅުނު ފުރަތަމަ މެޗުން ބީޖީ ސްޕޯޓްސް ކްލަބާ އެއްވަރުވި މެޗަށް ފަހު އެވެ. އޭގެ ފަހުން އިންމަ ފެނިގެންދިޔައީ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގަ އެވެ. އެ މަގާމުގައި ހުރިއިރު، އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ޓީމުގެ ހެޑް ކޯޗުގެ މަގާމު ވެސް ފުރައިފަ އެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ޔަމަނާ ދެކޮޅަށް ކުޅުނު މެޗެވެ.

ގައުމީ ޓީމުގެ މަގާމު ދޫކޮށް އިންމަ ތިން އަހަރަށް ފަހު އެނބުރި އަލުން މާޒިޔާއާ ހަވާލުވީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަލުން މާޒިޔާއާ ހަވާލުވެ، އިންމަ އެ ޓީމުގައި ހޭދަކުރި ދުވަސްތަކުގައި ޓީމާ އެކު ކަނޑައެޅި ޓާގެޓަށް ވާސިލްނުވެވުމުން މިދިޔަ ސީޒަނަށް ފަހު މާޒިޔާ އިން ނުފެނުމުގެ ފުރުސަތު ބޮޑު ކަމަށް ލީގުގެ ފަހު މެޗަށް ފަހު އިންމަ ވަނީ ބުނެފަ އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި ކުޅުނު ޒުވާން ގިނަ ކުޅުންތެރިން ވަނީ ދަ ގްރާންޑޭ ސީނިއާ ޓީމާ އެކު ކޮންޓްރެކްޓް ހަދައިފަ އެވެ. އޭގެ އިތުރުން އެ ޓީމުން މިހާތަނަށް ވަނީ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާހުރި ދެ ކުޅުންތެރިއެއްގެ ސޮއި ހޯދައިފަ އެވެ. އެއީ ކުރިން ނިއު ރޭޑިއަންޓާއި ވިކްޓަރީ އަދި ގައުމީ ޓީމުން ވެސް ފާހަގަވި ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އާއި މިދިޔަ އަހަރު އިންމަގެ ކޯޗުކަމުގައި މާޒިޔާ އަށް ކުޅުނު ޔަސްފާދު ހަބީބު (މުލަކޭ) އެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން އެހެން ކުޅުންތެރިން ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ދަ ގްރާންޑޭއާ ގުޅޭނެ ކަމަށް އެ ކްލަބުން ބުނެ އެވެ.