23 ފެބުރުއަރީ 2019 - 19:13

ކުރިއަށް އޮތް ތަނުގައި ވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ އެކު މަސައްކަތްކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ހިއުމަން ރައިޓްސް ކޮމިޓީގެ ޗެއާމަން އަހްމަދު ނުއުމާން ވިދާޅުވި މީގެ ކުރިން ވެސް އެހެން ޕާޓީތަކާ އެކު މަސައްކަތްކުރުމަށް އަދާލާތު ޕާޓީން މަޝަވަރާކޮށްފައި ވާނެ ކަމަށެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތްކުރި އެމްޑީޕީއާ އެކު އަދިވެސް އަދާލަތުން އަންނަނީ ވަރަށް ގާތުން މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއް އަމާޒަކަށް މި ދެވެނީ. އުންމީދުކުރަނީ އެ އަމާޒަށް ދާން ކުރިއަށް އޮތްތަނުގައި ވެސް އެންމެން އެއްކޮށް އަތުގުޅާލައިގެން ދެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އަދާލަތުން މަސައްކަތްކުރި އިރު ހާސިލްކުރަން ބޭނުންވި ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި އެމްޑީޕީން ވެސް އަންނަނީ މަސައްކަތްކުރަމުން ކަމަށް ނުއުމާން ވިދާޅުވި އެވެ. އޭގެ ތެރޭގައި ކޮރަޕްޝަން ނައްތާލުމާއި މުއައްސަސާތައް ބާރުވެރިކުރުމާ އަދި އިންސާފު ގާއިމްކުރުން ހިމެނެ އެވެ. މީގެ ބައެއް ކަންކަމަކީ އެމްޑީޕީގެ އެޖެންޑާ 19 ގައި ހިމެނޭ ކަންތައްތައް ކަން ވެސް ނުއުމާން ފާހަގަކުރެއްވި އެވެ.
އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީގެ ނުވަ ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޝަރީފް ވިދާޅުވި އެވެ. އެ ޕާޓީން ކުރިން ޓިކެޓް ދީފައި ވަނީ އަށް ކެންޑިޑޭޓުންނަށް ކަމަށްވިޔަސް މިހާރު ވަނީ ގައްދޫ ދާއިރާ އަށް ވެސް ކެންޑިޑޭޓެއް ނެރެން ނިންމައިފަ އެވެ.
ޝާރީފް ވިދާޅުވީ އެހެން ޕާޓީތަކާ އެކު ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް، އަދާލަތު ޕާޓީން މަސައްކަތް ކުރަމުން އަންނާނީ ރައީސްގެ ވައުދުތައް މަޖިލީސް މެދުވެރިކޮށް ހާސިލުކުރުމަށްޓަކައި ކަމަށެވެ.
"ވަކި ވަކިން ކެންޑިޑޭޓުން އަޅުގަނޑުމެން ނެރުނު ކަމުގައި ވިޔަސް ކެމްޕެއިން ކުރުމުގެ ކަންތައް ކުރިއަށް ގެންދާނީ ވަރަށް ސުލްހަވެރިކަމާ އެކު. އެއް ޕާޓީން އަނެއް ޕާޓީ އަށް ދޭން ޖެހޭ ގަދަރު ދޭނަން،" ޝަރީފް ވިދާޅުވި އެވެ.