24 ފެބުރުއަރީ 2019 - 07:03

ސަލްމާން ހާނާ އެކު ސަންޖޭ ލީލާ ބަންސާލީ އަލަށް ހަދާ ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށް މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނެފި އެވެ.
ބަންސާލީގެ ފިލްމަކަށް ސޮއިކޮށްފައިވާކަން ސަލްމާން ވެސް މިދިޔަ އަހަރު ޔަގީންކޮށް ދިން ނަމަވެސް އެ ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް ބަންސާލީ މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމަކު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލްމާނާ އެކު ބަންސާލީ މި ފަހަރު ހަދަން ނިންމާފައި ވަނީ "އިންޝާﷲ" ކިޔާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.
ތަރަން ކުރި ޓްވީޓްގައި ފިލްމާ މާ ބޮޑު ތަފުސީލަކަށް ނުގޮސް ބުނީ ސަލްމާނާ އެކު ބަންސާލީ ލޯބީގެ ވާހަކައަކަށް ހަދާ ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ސަލްމާން އެންމެ ފަހުން ބަންސާލީއާ އެކު މަސައްކަތް ކުރީ އޭނާ ހާއްސަ ފެނިލުމަކުން ފެނިގެން ދިޔަ 2007 ގެ "ސާވަރިޔާ" ގަ އެވެ. މި ފިލްމަކީ އެ އަހަރު ރަންބީރު ކަޕޫރާއި ސޯނަމް ކަޕޫރް ބޮލީވުޑަށް ތައާރަފު ކުރި ފިލްމެވެ.
ސަލްމާން އެންމެ ފުރަތަމަ ބަންސާލީއާ އެކު މަސައްކަތް ކުރީ 1996 ގެ "ހާމޯޝީ: ދަ މިއުޒިކަލް" ގަ އެވެ. އޭގެ ފަހުން ސަލްމާންގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ 1999 ގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އަކީ ބަންސާލީއާ އެކު އޭނާ މަސައްކަތް ކުރި ދެވަނަ ފިލްމެވެ.
ބޮލީވުޑްގެ އެންމެ ކުޅަދާނަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ބަންސާލީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ޕަދުމާވަތު" އެވެ. އެ ފިލްމުގައި ލީޑް ރޯލް ކުޅުނީ ދީޕިކާ ޕަދްކޯނާއި އޭނާގެ ފިރިމީހާ ރަންވީރު ސިންގްގެ އިތުރުން ޝާހިދު ކަޕޫރެވެ.
ސަލްމާން ދެން އެންމެ އަވަހަށް ފެނިގެންދާ ފިލްމު "ބާރަތު" އަންނަ ފިތުރު އީދުގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ އިރު، އޭނާ މިހާރު އަންނަނީ އެޕްރީލް މަހުގެ ތެރޭގައި "ދަބަންގް 3" ގެ ޝޫޓިން ފެށުމަށް ވެސް ތައްޔާރުވަމުންނެވެ.
މީގެ އިތުރުން ސާޖިދު ނަދިއަދްވާލާގެ "ކިކް 2" އާއި ސޫރަޖް ބަރްޖަތިއާ އަންނަ އަހަރު ގެނެސްދޭ ފިލްމަކުން ވެސް ސަލްމާން ފެނިގެން ދާނެ އެވެ.