ބްރާވޯ ސިޓީ އަށް، ސިލެސެން ބާސެލޯނާ އަށް
ބްރާވޯ ސިޓީ އަށް، ސިލެސެން ބާސެލޯނާ އަށް

ބާސެލޯނާ (އޮގަސްޓް 26) - ބާސެލޯނާގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ މެންޗެސްޓާ ސިޓީ އަށް ސޮއިކުރި އިރު ބަދަލުގައި ބާސެލޯނާ އިން އަޔަކްސްގެ ގޯލްކީޕަރު ޖެސްޕާ ސިލެސެން ގެނެސްފި އެވެ.

އުމުރުން 27 އަހަރުގެ ނެދަލެންޑަސްގެ ގޯލްކީޕަރު ބާސެލޯނާ އަށް ބަދަލުވީ 11.1 މިލިއަން ޕައުންޑަށެވެ. އޭނާ ވަނީ އެ ކްލަބާ އެކު ފަސް އަހަރުގެ ކޮންޓްރެކްޓެއް ހަދައިފަ އެވެ.

ސިޓީން ބްރާވޯ ގަތީ 15.4 މިލިއަން ޕައުންޑަށެވެ. އެ ކްލަބުން، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުން ވިދާލި ޗިލީ ގައުމީ ޓީމުގެ ކީޕަރު ގަތީ މިހާރުގެ ކީޕަރު ޖޯ ހާޓާ މެދު ކޯޗު ޕެޕް ގާޑިއޯލާ ހިތްހަމަނުޖެހޭތީ އެވެ.

މިދިޔަ ދެ ސީޒަނުގައި ބްރާވޯ ވަނީ ބާސެލޯނާ އަށް ސްޕެނިޝް ލީގުގައި 70 މެޗު ކުޅެދީފަ އެވެ. އެކަމަކު ޗެމްޕިއަންސް ލީގާއި ސްޕެނިޝް ކަޕް މެޗުތަކުން ފުރުސަތު ދެނީ ޖަރުމަން ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގަން އަށެވެ.

ބްރާވޯ އައުމާ އެކު، ހާޓަށް މިހާރު ވަނީ ކުޅޭނެ ކްލަބެއް ހޯދަން ޖެހިފަ އެވެ. އޭނާ ބޭނުންވަނީ އިންގްލެންޑުގެ ގައުމީ ޓީމުގެ ޖާގަ ޔަގީންކުރުމަށް، ބޮޑު ކްލަބަކަށް ބަދަލުވާށެވެ.