ބީއެމްއެލް ސްޓާފް ޗެރިޓީ ރަންގައި ތެލެސީމިއާ ސޮސައިޓީ އަށް ބޮޑު އެހީއެއް
ބީއެމްއެލް ސްޓާފް ޗެރިޓީ ރަންގައި ތެލެސީމިއާ ސޮސައިޓީ އަށް ބޮޑު އެހީއެއް

މުޖުތަމައަށް ފައިދާހުރި ހަރަކާތްތައް ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބީއެމްއެލްއިން ކޮންމެ އަހަރަކު ވެސް ބާއްވާ "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން"ގައި މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ އަށް ފައިސާގެ އެހީ ދީފި އެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭން ހަރަކާތެއްގެ ގޮތުގައި މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ މި ދުވުމުގައި ބީއެމްއެލްގެ 200 އަށް ވުރެ ގިނަ މުވައްޒަފުންނާއި މުވައްޒަފުންގެ ދަރިންގެ އިތުރުން ތެލެސީމިއާ ސޮސައިޓީގެ ފަރާތުން ބައިވެރިވެފައިވެ އެވެ. މި ހަރަކާތް ފަށާފައިވަނީ ހެނދުނު 7:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުންނެވެ. ގާތްގަނޑަކަށް ހަތަރު ކިލޯ މީޓަރުގެ މި ދުވުން ބައިވެރިން ނިންމާލީ ވެސް ސެންޓްރަލް ޕާކަށެވެ.

ސެންޓްރަލް ޕާކުގައި ބޭއްވި މި ހަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވަނީ ތެލެސީމިއާ ސޮސައިޓީ އަށް ރަމްޒީ ޗެކް ހަވާލުކޮށްފަ އެވެ. އެ ޖަމިއްޔާ އަށް ވަނީ 80,000ރ. ހަދިޔާކޮށްފަ އެވެ. މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާއިން ކުރިޔަށް ގެންދާ ޕްރޮގްރާމްތައް ރާވައި ހިންގުމަށެވެ.

ބީއެމްއެލް އިން ބުނީ ޕްރޮގްރާމްގެ ތެރެއިން މަދަނީ ޖަމިއްޔާތަކާ ބޭންކާ އޮތް ގުޅުން އިތުރުވަމުންދާ ކަމަށެވެ. އަދި މުޖުތަމައުއަށް ފައިދާ ހުރި އިތުރު ހަރަކާތްތައް މިއަހަރުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ.

"އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުން ދާދި ފަހުން ބޭންކުން ވަނީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ތައާރަފް ކޮށްފަ އެވެ.