ޕިއޮންޓެކްގެ ގޯލުން މިލާން މަގާމް ވަރުގަދަކޮށްފި
ޕިއޮންޓެކްގެ ގޯލުން މިލާން މަގާމް ވަރުގަދަކޮށްފި

މިލާން (ފެބްރުއަރީ 23) – ކްރިޒްޓޮފް ޕިއޮންޓެކް ހަ މެޗުން ޖެހި ހަތް ވަނަ ގޯލާ އެކު އެމްޕޮލީ އަތުން 3-0 އިން މޮޅުވެ އޭސީ މިލާނުން އިޓާލިއަން ލީގުގެ ހަތަރު ވަނައިގައި މަގާމް ވަރުގަދަކޮށްފި އެވެ.

އަހަރުތަކަށް ފަހު ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް މަސައްކަތްކުރަމުން އަންނަ މިލާން ހަތަރު ވަނައިގައި އޮތީ 45 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި 41 ޕޮއިންޓާ އެކު އޮތް ރޯމާ އިން މިރޭ ރަށުން ބޭރުގައި ފްރޮސިނޯނޭ އަތުން މޮޅުވެއްޖެ ނަމަ އެއް ޕޮއިންޓަށް ގާތްކުރެވޭނެ އެވެ. ތާވަލުގެ އެއް ވަނައިގައި އޮތީ 66 ޕޮއިންޓާ އެކު ޔުވެންޓަސް އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް މިލާން ވަނީ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގެ ތެރޭގައި ޕިއޮންޓެކްގެ ގޯލުން ލީޑު ނަގައިފަ އެވެ. ގޮންޒާލޯ ހިގައިން ޗެލްސީ އަށް ދޫކޮށްލުމަށް ފަހު މިލާނުން ގެނައި ޕޮލެންޑް ފޯވާޑް އެ ޓީމަށް ކުޅެދިން ހަ މެޗުން ހަތް ގޯލް ޖެހިއިރު މި ސީޒަނުގައި ޖެނޯއާ އަށް ޖެހި ލަނޑުތަކާ އެކު އޭނާ ވަނީ 27 މެޗުން 26 ގޯލް ޖަހައިފަ އެވެ.

މިލާނުގެ އަނެއް ދެ ގޯލް ޖެހީ އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ފްރޭންކް ކެސީ އާއި ސްޕެއިނުގެ ވިންގާ ސެމުއެލް ކަސްޓިލެހޯ އެވެ. މި މެޗުގައި މިލާނުގެ ބްރެޒިލް މިޑްފީލްޑަރު ލޫކަސް ޕަކޭޓާ އާއި ފަބިއޯ ބޮރިނީ ޖެހި ގޯލްތައް ވީއޭއާރް އިން ބެލުމަށް ފަހު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.

"އަހަރުތަކަށް ފަހު މިލާނަށް އަލިކަން އެބަ ފެނޭ. އަހަންނަށް އެއްވެސް ކަމެއްގެ ޔަގީންކަން ނުދެވޭނެ، އަހަންނަށް ބުނެވެން އޮތީ މިއީ އަހަންނަށް އުއްމީދުތަކެއް ގެނެސްދޭ، ވަރަށް ޝައުގުވެރި ޒުވާން ކުޅުންތެރިންތަކެއް ތިބި ޓީމެކޭ،" މިލާނުގެ ކޯޗު ޖެނާރޫ ގަޓޫސޯ ބުންޏެވެ.