23 ފެބުރުއަރީ 2019 - 11:12

ލަންޑަން (ފެބްރުއަރީ 23) – އޭއެސް ރޯމާގެ ޓެކްނިކަލް ޑިރެކްޓަރު މޮންޗީ އަށް އާސެނަލުން އޮފާކޮށްފި ކަމަށާއި އޭނާ އެ ހުށަހެޅުން ގަބޫލުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސެވިއްޔާގައި ކުރިން މޮންޗީއާ އެކު މަސައްކަތްކުރި އުނާއީ އެމެރީ އާސެނަލްގެ ކޯޗުކަމާ މި ސީޒަނުގައި ހަވާލުވި ހިސާބުން ވެސް މި ވާހަކަތައް އޮތީ ފެށިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރޯމާއާ އެކު 2020 ވަނަ އަހަރުގެ ނިޔަލަށް މޮންޗީ ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް އެއް މިލިއަން ޕައުންޑް ދައްކަން ވެސް އާސެނަލް އޮތީ ތައްޔާރުގަ އެވެ. އެކަމަކު ބެލެވެނީ އޭނާ ކްލަބް ދޫކޮށްލީ ސީޒަން ނިމުމުން ކަމަށެވެ.
އާސެނަލްގެ ދެ ވަނަ އޮޕްޝަނަކީ މިވަގުތު އަޔަކްސްގައި މަސައްކަތްކުރަމުން އަންނަ މާކް އޯވަމާސް އެވެ.
އާސެނަލުން ވަރުގަދަ ޑިރެކްޓަރެއް ގެންނަން މި މަސައްކަތްކުރަނީ ޕްރިމިއާ ލީގުގެ އެހެން ބައެއް ކްލަބްތަކުން ވެސް ޓްރާންސްފާގެ ބާރުތައް ކޯޗު ނުވަތަ ޗީފް އެގްޒެކެޓިވް އޮފިސަރުގެ އަތުން ނަގައި އެ މަސައްކަތް އެކަމަށް ހާއްސަ ޑިރެކްޓަރަކާ ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑް ވެސް ހިމެނެ އެވެ.
އިޓަލީ އާއި ސްޕެއިނުގެ ކްލަބްތަކުން ހުނަރުވެރި ޒުވާން ކުޅުންތެރިން ހޯދުމާއި ކުޑަ އަގުތަކުގައި މަޝްހޫރު ކުޅުންތެރިން ހޯދުމުގެ ފަހަތުގައި އޮތީ ޓްރާންސްފާތަކަށް ހާއްސަ ޑިރެކްޓަރެއް ހުރުމެވެ.
މޮންޗީ އަކީ އެކަމުގެ ވަރަށް ބޮޑު ތަޖުރިބާކާރެކެވެ. ސެވިއްޔާ 2000 ވަނަ އަހަރު ރެލިގޭޓްވުމުން ކްލަބް ކޮޅަށް ޖެހުމަށްޓަކައި ޑިރެކްޓާ އޮފް ފުޓްބޯލްގެ މަގާމާ ހަވާލުވެ ކްލަބުގެ ޔޫތު ސިސްޓަމް ރަނގަޅުކޮށް ކުޅުންތެރިން ސްކައުޓް ކުރުމުގެ މަސައްކަތް ފެށި އެވެ. ސާޖިއޯ ރާމޯސް އާއި ހެސަސް ނަވާސް ފަދަ ކުޅުންތެރިން ސްކައުޓްކޮށް އަދި މުޅި ދުނިޔޭގައި 700 ސްކައުންޓުގެ ނެޓްވޯކެއް ގާއިމްކުރި އެވެ. އެޑްރިއާނޯ، ޑެނީ އަލްވެސް، ޖޫލިއޯ ބަޕްޓިސްޓާ، ސޭޑޫ ކެއިޓާ އަދި އިވާން ރަކިޓިޗް ފަދަ ކުޅުންތެރިން ކުޑަ އަގެއްގައި ގެނެސް، ބޮޑު އަގުގައި ވިއްކާލައި އޭނާ ވަނީ ކްލަބަށް 200 މިލިއަން ޔޫރޯގެ ފައިދާއެއް ހޯދައިދީ އަދި ލީގުގެ ރަނގަޅު ހިސާބެއްގައި ކްލަބް ބާއްވައިދީފަ އެވެ.
އެކަމަކު ރޯމާއާ ހަވާލުވެ އޭނާ މުހައްމަދު ސަލާހާއި ގޯލްކީޕަރު އެލިސަން ބެކާ ލިވަޕޫލަށް ވިއްކާލައި ރަނގަޅު ފައިދާއެއް ހޯދި ނަމަވެސް އިތުރު ކުޅުންތެރިން ނުގެންނާތީ ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވި އެވެ. މިދިޔަ އަހަރުތަކުގައި ގަދަ ހަތަރެއްގެ ތެރޭ އޮތް ނަމަވެސް މި ސީޒަނުގައި ފޯމް ދަށްވެ މިވަގުތު ރޯމާ އޮތީ ފަސް ވަނައިގަ އެވެ.