ކަންގަނާގެ ދިރިއުޅުން ކިޔައިދޭ ފިލްމަކަށް އިންތިޒާރުކުރަން: ކަރީނާ
ކަންގަނާގެ ދިރިއުޅުން ކިޔައިދޭ ފިލްމަކަށް އިންތިޒާރުކުރަން: ކަރީނާ

ބަތަލާ ކަންގަނާ ރަނާވަތު ޑައިރެޓްކޮށް، އޭނާގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ އަށް އިންތިޒާރުކުރާ ކަމަށް ކަރީނާ ކަޕޫރް ބުނެފި އެވެ.

ޑެއިނިކް ބާސްކަރަށް ދިން އިންޓަވިއުއްގައި އޭނާ ބުނީ ކަންގަނާގެ ބައޮގްރަފިކަލް ޑްރާމާއަކީ ވަރަށް ޝައުގުވެރި އެއްޗަކަށް ވާނެ ކަމަށެވެ.

"އަހަރެން އެއަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަން. ކަންގަނާއަކީ ވަރަށް މޮޅު އަދި އެހާމެ ވިސްނުން ތޫނު ބަތަލާއެއް. އަހަންނަށް ޔަގީން އޭނާގެ ބައޮޕިކަކީ ވަރަށް ގިނަ މީހުން އެ ފިލްމަކަށް އިންތިޒާރު ކުރާނެ ފިލްމަކަށް ވާނެކަން،" މި ވަގުތު "ގުޑް ނިއުސް" ގެ މަސައްކަތް ކުރަމުން އަންނަ ކަރީނާ ބުންޏެވެ.

އޭނާ ބުނީ ކަންގަނާގެ އެންމެ ފަހުގެ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އާ ބެހޭ ގޮތުން މިހާތަނަށް އިވިފައި ހުރީ ވަރަށް ޕޮޒިޓިވް ވާހަކަތަކެއް ކަމަށެވެ. އެކަމަކު މަސައްކަތް މި ވަގުތު ހުރި ގޮތުން އެ ފިލްމު ބަލައިލަން އަދި ވަގުތެއް ނުވާ ކަމަށް ބުންޏެވެ.

"ވަގުތެއް ވީހާ އަވަހަކަށް، މަނިކަރުނިކާ ބަލާނަން. އެ ފިލްމު ބަލާފައި ސައިފް [ފިރިމީހާ] ވަނީ ކަންގަނާ ކޮށްފައި ހުރި މަސައްކަތްތައް ފާހަގަކޮށް މަރުހަބާ ވެސް ކިޔާފައި،" ކަރީނާ ބުންޏެވެ.

ކަންގަނާ ބުނި ގޮތުގައި އޭނާގެ ހަޔާތުގެ ވާހަކަ ފިލްމެއްގެ ގޮތުގައި ގެނެސް ދޭނީ "މަނިކަރްނިކާ" އާއި "ބާހްބަލީ" ފަދަ ފިލްމުތަކުގެ ސްކްރީން ރައިޓަރު ކޭވީ ވިޖެންދުރަޕްރަސާދު ސިންގްގެ ސްކްރީންޕްލޭއަކަށެވެ. ނަމަވެސް މި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސް ދޭނެ އިރެއް އަދި އިއުލާން ނުކުރެ އެވެ.

އެކަމަކު ކަންގަނާ ބުނި ގޮތުގައި "މަނިކަރްނިކާ" އަށް ފަހު، އޭނާ ޑައިރެކްޓް ކުރާނެ ދެވަނަ ފިލްމަކީ އަމިއްލަ ބައޮޕިކެވެ.

މިފަދަ ފިލްމެއް ހަދާ ވާހަކަ ކަންގަނާ އިއުލާން ކުރުމާ އެކު ވަރަށް ގިނަ ބަޔަކު ވަނީ މި ފިލްމުގައި ފެންނާނީ "ހުސް ވިލަންތައް" ކަމަށް ބުނެފަ އެވެ. ސަބަބަކީ ކަންގަނާއަކީ ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުންނާ ގުޅުން ގޯސް ބަތަލާއަކަށްވުމެވެ.

އޭގެ ތެރޭގައި "މަނިކަރްނިކާ" ގެ ޑައިރެކްޝަނުގައި ހިއްސާވި ކްރިޝް، ކަންގަނާ ލޯބީގެ ގުޅުމެއް ބޭއްވި ކަމަށްވާ ބުނާ ރިތިކް ރޯޝަން، އަދިތިޔާ ޕަންޗޯލީ، އަދިޔަމަން ސުމަންގެ އިތުރުން ކަންގަނާގެ ފާޑު ކިޔުން އަބަދު ވެސް އަމާޒުވާ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު އަދި "މަނިކަރުނިކާ" ނުކުޅެ ދޫކޮށްލި ސޯނޫ ސޫދު އަދި ސްކްރީން ރައިޓަރު އަޕޫރްވާ އާސްރާނީ ފަންނާނުން ހިމެނެ އެވެ.

ގިނަ ބަޔަކު ބުނާ ގޮތުގައި ކަންގަނާގެ ބައޮޕިކްގައި އެ މީސްމީހުންގެ ކެރެކްޓާތައް ދައްކުވައިދޭ ނަމަ އެ މީހުން ފެންނާނީ "ވިލަންތަކުގެ" ގޮތުގަ އެވެ.