ޑެންޒެލް ވޮޝިންޓަން ޑައިރެކްޓްކުރާ ފިލްމަކަށް މައިކަލް ބީ ޖޯޑަން
ޑެންޒެލް ވޮޝިންޓަން ޑައިރެކްޓްކުރާ ފިލްމަކަށް މައިކަލް ބީ ޖޯޑަން

ދެ ފަހަރަށް އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ މަޝްހޫރު އެކްޓަރު ޑެންޒެން ވޮޝިންޓަން ޑައިރެކްޓްކުރާ ފިލްމެއް، "ޕިންކް ޕެންތާ" އިން ވިދައިލި އެކްޓަރު މައިކަލް ބީ ޖޯޑަން އަށް ހުށަޅައިފި އެވެ.

ޑެންޒެލް ވޮޝިންޓަން ޑައިރެކްޓްކުރާ ފިލްމަކަށް މައިކަލް ބީ ޖޯޑަން
ޑެންޒެލް ވޮޝިންޓަން ޑައިރެކްޓްކުރާ ފިލްމަކަށް މައިކަލް ބީ ޖޯޑަން

ވެރައިޓީން ބުނި ގޮތުގައި މި ފިލްމަކީ ޕްލިޓްޒާ ޕްރައިޒް ހޯދާފައިވާ ލިޔުންތެރިޔާ އަދި މަޝްހޫރު ނޫސްވެރިޔާ ޑާނާ ކެނެޑީ އާއި އިރާގު ހަނގުރާމައިގައި 2006 ގައި މަރުވި އެމެރިކާގެ ސިފައިންގެ ފަސްޓް ސާޖަންޓް ޗާލްސް މޮންރޯއީ ކިންގް ލޯބީގެ ހާދިސާ އަށް ބިނާކޮށް ހަދާ ފިލްމެކެވެ.

ފިލްމަށް ދީފައިވާ ނަމަކީ "ޖާނަލް ފޯ ޖޯޑަން" އެވެ. މީގެ ސްކްރީންޕްލޭ ލިޔަނީ މިދިޔަ އަހަރުގެ އޮސްކާގައި ފިލްމު "މަޑްބައުންޑް" ގެ ސްކްރީންޕްލޭގައި ޑައިރެކްޓަރު ޑީ ރީޒްއާ ހިއްސާވެގެން އެންމެ މޮޅު އެޑަޕްޓެޑް ސްކްރިންޕްލޭގެ އޮސްކާ ނޮމިނޭޝަން ވެސް ލިބުނު ވާޖިލް ވިލިއަމްސް އެވެ.

"ޖާނަލް ފޮ ޖޯޑަން" ގެ މަސައްކަތް ފަށާނެ އިރަކާއި މީގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް ނޭނގެ އެވެ. މިހާތަނަށް ތިން ފިލްމު ޑައިރެކްޓަރު ޑެންޒެލް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ 2016 ގެ "ފެންސެސް" އެވެ.

އެ ފިލްމަކީ އެ އަހަރު އޮސްކާގެ ހަތަރު ނޮމިނޭޝަން ލިބުނު ފިލްމެކެވެ. އޭގެ ތެރޭގައި އެންމެ މޮޅު ފިލްމު، އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ، އެންމެ މޮޅު ސަޕޯޓިން ބަތަލާ އަދި ޑެންޒެލް އަށް ލިބުނު އެންމެ މޮޅު އެކްޓަރުގެ ނޮމިނޭޝަން ހިމެނެ އެވެ.

މައިކަލް ބީ ޖޯޑަން، 32، ގެ ފިލްމެއް މި އަހަރު ސިނަމާތަކަށް އަންނަން ނެތް ނަމަވެސް އަންނަ އަހަރު އޭނާގެ "ޖަސްޓް މާސީ" ރިލީޒް ކުރާނެ އެވެ. "ބްލެކް ޕެންތާ" އާ އެކު މިދިޔަ އަހަރު ޖޯޑަންގެ ހަތަރު ފިލްމެއް ރިލީޒް ކުރި އިރު، އޭނާ އެންމެ ފަހުން ފެނިފައި ވަނީ ނޮވެމްބަރު މަހު ރިލީޒް ކުރި "ކްރީޑް 2" އިންނެވެ.