28 މެއި 2016 - 07:24

ގދ. ތިނަދޫން މީހުން ބޭލުމާއި އެ ރަށް އަލުން އާބާދުވި ހާދިސާގެ މައްޗަށް ބިނާކޮށް ޑައިރެކްޓަރު އަބްދުލް ފައްތާހު ހަދާ ފިލްމް "1962 ތެނަދޫ" ކާސްޓުންނަށް ހާއްސަ ވޯކްޝޮޕެއް ފަށައިފި އެވެ.

ތިނަދޫ ކައުންސިލުން ޕްރޮޑިއުސްކުރާ މި ފިލްމުގެ މައިގަނޑު ކާސްޓުންނަށް ހާއްސަކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެކްޓިން ވޯކްޝޮޕްގައި ކިޔަވައި ދެނީ ފަފޮމިން އާޓްސްގެ ދާއިރާ އިން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަދި ތިއޭޓާ އުުފެއްފުންތައް ބެލުންތެރިންނަށް ގެނެސްދޭ މުހައްމަދު މުންތަސިރު (މުންކޮ) އެވެ. އޭނާ ވެސް އަންނަނީ "ގެއްލުނީމާ" ގެ ނަމުގައި މިހާރު ފީޗާ ފިލްމެއް ހަދަމުންނެވެ.

މުންކޮ މިހާރު ހުރީ ފައްތާހާ އެކު ތިނަދޫގަ އެވެ. ވޯކްޝޮޕް ރޭ ވަނީ ފަށައިފަ އެވެ. މުންކޮ ބުނީ ވޯކްޝޮޕްގައި ބައިވެރިވާ އެކްޓަރުންނަކީ މީގެ ކުރިން އެއްވެސް ވަރަކަށް އެކްޓްކޮށްފައި ނެތް، މުޅިން އާ ބައެއް ކަމަށެވެ. އެހެންވެ ވޯކްޝޮޕްގެ މައިގަނޑު ބޭނުމަކީ އެކްޓިންގެ ބޭސިކް ދަސްކޮށް ދިނުމެވެ.
"މީގައި ބައިވެރިވާ އެންމެން ވެސް ވަރަށް ކޮމިޓެޑް އަނެއްކާ ހަމަ އެހާމެ ޑެޑިކޭޝަނާ އެކު މަސައްކަތް ކުރަން ތައްޔާރަށް ތިބިކަން ވަރަށް ބޮޑަަށް ފާހަގަ ކުރެވިއްޖެ. އެހެންވީމާ ވޯކްޝޮޕުން ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލްވާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު،" މުންކޮ ބުންޏެވެ.
އޭނާ ބުނީ ދެ ދުވަހަށް ވޯކްޝޮޕް ކުރިއަށް ގެންދިޔަސް، ފިލްމުގެ ޝޫޓިން ފެށުމާ ހަމައަށް، އެކްޓަރުންނަށް ތަފާތު ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށެވެ.
"އެހެންވީމާ މި ކުރެވޭ މަސައްކަތުގެ ނަތީޖާ ފެންނާނީ ސްކްރީނުން،" މުންކޮ ބުންޏެވެ.
ފައްތާހު ބުނީ ފިލްމުގެ މުހިއްމު ރޯލްތައް ކުޅޭ ކާސްޓުންނަށް ހާއްސަކޮށްގެން، ވޯކްޝޮޕެއް ކުރިއަށް ގެންދަން ނިންމި ސަބަބަކީ ފިލްމުގައި މުޅިން ވެސް ހިމެނެނީ އާ މީހުން ކަމަށްވާތީ ކަމަށެވެ. ފިލްމުން މައިގަނޑު ގޮތެއްގައި ފެނިގެން ދާނީ ތިނަދޫ ރައްޔިތުންނެވެ.
"މިއީ ހިސްޓްރިކަލް ޖޯންރާ އަށް ރާއްޖޭގައި ހަދާ ފުރަތަމަ ފިލްމަށްވާތީ އަޅުގަނޑުމެން ވަރަށް ބޮޑަށް ތައްޔާރުވެގެން ފިލްމުގެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައި މިއޮތީ. އެހެންވެ އެކްޓިން ދަސްކޮށް ދޭން މުންކޮ އާ ހަވާލުކުރީ ވެސް. އޭނާއަކީ ރާއްޖޭގައި މިކަމަށް އެންމެ މޮޅު އެކަކު،" ފައްތާހް ބުންޏެވެ.
އޭނާ ބުނީ ފިލްމުގެ ޝޫޓިން ފަށަން މިހާރު ތާވަލްކޮށްފައި ވަނީ ރޯދައިގެ ފަހުން ކަމަށެވެ.
"އެހާތަނަށްދާ އިރަށް ހުރިހާ ތައްޔާރީތަކެއް ހުންނާނީވެފައި. ޝޫޓިން ފަށާތާ މަސް ދުވަހުގެ ތެރޭގައި ޝޫޓިންއެއްކޮށް ނިންމާލެވޭ. ފިލްމުގެ ޖައްސާ ގޮތަށް މަޑު ނުކޮށް ޝޫޓިން ކުރިއަށް ގެންދާނީ،" ގިނަ އަދަދަކަށް ސްޕެޝަލް އިފެކްޓްސް ވެސް ހިމެނޭ ފިލްމާ ބެހޭ ގޮތުން ފައްތާހް ބުންޏެވެ.
އަހުމަދު ޒަރީރު ސްކްރީޕްލޭ ލިޔެފައިވާ "1962 ތެނަދޫ" ގެ ވީއެފްއެކްސް ހަދާނީ އޯކޭޒް އިންކް ސްޓޫޑިއޯ އިންނެވެ.
ފިލްމުގެ ކޮސްޓިއުމް ކޮންސަލްޓެންޓަކަށް ކުރިން ޖާދުﷲ އިސްމާއީލް ހަމަޖެއްސި ނަމަވެސް، އޭނާ އަށް ވަގުތު ދެވެން ނެތިގެން އެ މަސައްކަތް މިހާރު ވަނީ ނާޒިޔާއާ ހަވާލުކޮށްފަ އެވެ. ފިލްމުގެ ބެކް މިއުޒިކް ހަދާނީ އެ ދާއިރާއިން އެތައް އެވޯޑެއް ހާސިލްކޮށްފައިވާ މުހައްމަދު އިކްރާމެވެ.
އިބްރާހީމް ވިޝާމް (ކަނޑި) ކެމެރާ ކުރާ ފިލްމާ ބެހޭ ގޮތުން ފައްތާހް ބުނީ ފުރިހަމަ މޮޅު ފިލްމެއް ހަދާފައި މި ފަހަރު ބެލުންތެރިންނަށް ދޫކޮށްލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި "1962 ތެނަދޫ" އަކީ އޭނާގެ ފިލްމީ ކެރިއަރުގައި މިހާތަނަށް ހަދާ އެންމެ ތަފާތު އަދި އެންމެ މަސައްކަތް ބުރަ ފިލްމް ކަމަށް ބުންޏެވެ.
"މިއީ މިހާތަނަށް އަހަރެން މަސައްކަތްކުރާ އެންމެ ތަފާތު އަދި އެންމެ ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ފިލްމް. އިރާދަކުރެއްވިއްޔާ ފުރިހަމަ އަދި މޮޅު ފިލްމެއް ބެލުންތެރިންނަށް ފެންނާނެ،" ހިމޭން ދުނިޔެ، އާދޭސް އަދި ލަވް ސްޓޯރީ ފަދަ ލޯބީގެ ފިލްމުތައް ހަދާފައިވާ ޑައިރެކްޓަރު ބުންޏެވެ.
އޭނާ ބުނީ ފިލްމުން މުޅިން އާ ކާސްޓެއް ފެނުނަސް، ކެމެރާގެ ފުރަހަގުގައި މަސައްކަތް ކުރަނީ ވަރަށް ތަޖުރިބާކާރު ޓީމެއް ކަމަށެވެ.
"ފިލްމުގެ ކޮންމެ ޑިޕާޓްމަންޓަކަށް ބެލިޔަސް ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރާނީ ޓެކްނިކަލީ ގޮތުން ވަރަށް ތަޖުރިބާކާރު މީހުން ވަރަށް މޮޅެތި މީހުން،" ފައްތާހް ބުންޏެވެ.
"1962 ތެނަދޫ" މި އަހަރު ރިލީޒް ކުރަން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް ކަނޑައެއް ނާޅަ އެވެ.
މި ފިލްމަކީ ތިނަދޫ އަލުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަ ކުރުމަށް މި އަހަރު ހިންގާ ހަރަކާތްތަކާ ގުޅުވައިގެން ތިނަދޫ ކައުންސިލުން ޕްރޮޑިއުސް ކުރާ ފިލްމެވެ.
"މުޅި ކައުންސިލާއި ރަށުގެ ރައްޔިތުން ތިބީ މަސައްކަތުގައި އަޅުގަނޑުމެންނާ އެކު." ފައްތާހް ބުންޏެވެ.