23 ފެބުރުއަރީ 2019 - 09:28

މި މަހުގެ 14 ވަނަ ދުވަހު ރިލީޒްކުރި ރަންވީރު ސިންގާއި އާލިއާ ބަޓްގެ ފިލްމު "ގަލީ ބޯއި" މި އަހަރު 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ތިން ވަނަ ފިލްމުގެ މަގާމު ހޯދައިފި އެވެ.
މި އަހަރު 100 ކްރޯޑް ރުޕީސް (19 މިލިއަން ޑޮލަރު) ހަމަކުރި ފުރަތަމަ ފިލްމަކީ މިދިޔަ މަހުގެ 11 ގައި ރިލީޒްކުރި ވިކީ ކޯޝަލްގެ "އުރީ" ދަ ސާޖިކަލް ސްޓްރައިކް" އެވެ. ދެވަނަ ފިލްމަކީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރި ކަންގަނާ ރަނާވަތުގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އެވެ.
ޒޯޔާ އަހުތަރު ޑައިރެކްޓް ކުރި "ގަލީ ބޯއި" އިންޑިއާގައި ދައްކައިގެން 100 ކްރޯޑްގެ އާމްދަނީއެއް ހަމަކުރީ ރިލީޒް ކުރިތާ އަށް ދުވަހުގެ ތެރޭގައި ހުކުރު ދުވަހު އެވެ. މި ފިލްމަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން ހުކުރު ދުވަހާ ހަމައަށް ލިބުނު އާމްދަނީ މިހާރު ވަނީ 171.29 ކްރޯޑަށް އަރައިފަ އެވެ.
ފިލްމު ހަދަން ހަރަދުކުރީ އެންމެ 40 ކްރޯޑެވެ.
ރަންވީރު، ރެޕާއެއްގެ ރޯލުން ފެނިގެންދާ "ގަލީ ބޯއި" އަކީ 100 ކްރޯޑްގެ އާމްދަނީއެއް ހޯދި އޭނާގެ 4 ވަނަ ފިލްމެވެ. މިދިޔަ އަހަރު ރިލީޒް ކުރި ރަންވީރުގެ "ސިމްބާ" އާއި "ޕަދުމާވަތު" އަކީ ވެސް 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ދެ ފިލްމެވެ. އެ ކުލަބުން ޖާގަ ހޯދާފައިވާ އޭނާގެ އަނެއް ދެ ފިލްމަކީ 2013 ގެ "ރާމް-ލީލާ" އާއި 2015 ގެ "ބަޖިރާއޯ މަސްތާނީ" އެވެ.
"ގަލީ ބޯއި" އަކީ 100 ކްރޯޑްގެ އާމްދަނީއެއް ހޯދި އާލިއާ ބަޓްގެ ތިން ވަނަ ފިލްމެވެ. މިދިޔަ އަހަރު ރިލީޒް ކުރި "ރާޒީ" އާ އެކު އޭނާގެ 2015 ގެ ފިލްމު "ބަދުރީނާތު ކީ ދުލްހަނިޔާ" އަކީ 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ބޮކްސް އޮފީހުގައި ހޯދި ފިލްމުތަކެވެ.
އޭ ލިސްޓް އަދި ތަޖުރިބާކާރު ތަރިންތަކެއް ހިމެނޭ ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލް" ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި އިރު، މި ފިލްމާ މެދު ކްރިޓިކުންގެ މެދުގައި ހުރީ މަސްހުނި ހިޔާލުތަކެކެވެ. އެއް ބަޔަކު ބުނި ގޮތުގައި މިއީ "ސިކުނޑި ގޭގައި ބާއްވާފައި ގޮސް ބަލައިލަން ޖެހޭ ކަހަލަ ކޫސަނި" ފިލްމެ" ކެވެ. އެކަމަކު މަޝްހޫރު ތަރިންތަކެއް ފިލްމުގައި ހިމެނޭތީ ރަނގަޅު ވިޔަފާރި ކުރާނެ ކަމަށް ގިނަ ކްރިޓިކުން އަދާކޮށްފައިވެ އެވެ.
މި ފިލްމު މަޖާ ކަމަށް ބުނަމުން، ފިލްމު ކްރިޓިކް ތަރަން އަދާޝް ވަނީ ފަހެކުން ތިން ތަރީގެ ރޭޓިންއެއް ދީފަ އެވެ.
ފްރެންޗައިޒެއްގެ ގޮތުގައި އިންދަރު ކުމާރު ގެނެސްދޭ "ދަމާލް" ގެ ތިން ވަނަ ފިލްމު "ޓޯޓަލް ދަމާލް" ގެ ތަރިންނަކީ އަނިލް ކަޕޫރް، މަދޫރީ ޑިކްސިޓް، އަޖޭ ދޭވްގަންގެ އިތުރުން ރިތޭޝް ދޭޝްމުކް، އީޝާ ގުޕްތާ، ޖާވިދު ޖެފްރީ އަދި އަރުޝަދު ވަރްސީ އެވެ.