22 ފެބުރުއަރީ 2019 - 13:35

ސިނަމާލެ ބްރިޖު މަތިން ކަނޑަށް ފުންމާލި މީހަކު ފުލުހުން މިއަދު ސަލާމަތްކޮށްފި އެވެ.

މިއީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބްރިޖު އާންމުކޮށް ހުޅުވާލި ފަހުން މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ހަމައެކަނި ބުނީ ބްރިޖު މަތިން ފުންމާލި މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ފުލުހުން އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި، ޒުވާން އެ ފިރިހެން މީހާ ފުންމާލީ މާލެ ކައިރިން، ބްރިޖުގެ މެދެއްހާ ހިސާބުންނެވެ. އެ މަންޒަރު، ބްރިޖުގެ ކަންކަން ބަލަހައްޓަމުން ދިޔަ ފުލުހަކަށް ފެނުމާ ގުޅިގެން އޭނާ ސަލާމަތް ކުރީ ލޯންޗެއްގައި ގޮހެވެ. މި ހާދިސާގައި އެ މީހާ އަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެ އެވެ.
އޭނާ އަށް މިހާރު އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.