22 ފެބުރުއަރީ 2019 - 12:11

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހަތަރު ބޭންކް އެކައުންޓެއްގައި 5.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް އެމަނިކުފާނުގެ މާލީ ބަޔާނުން ހާމަވެއްޖެ އެވެ.

އޭޕްރީލް މަހު ބާއްވާ ރައްޔިތުން މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ 86 ކެންޑިޑޭޓުންގެ ތެރެއިން 80 ބޭފުޅެއްގެ މާލީ ބަޔާން އެމްޑީޕީން މިހާތަނަށް ވަނީ ހާމަކޮށްފަ އެވެ. ހުރިހާ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ބައެއްގެ ޝައުގުވެރިކަން މިހާރު ހުއްޓިފައި ވަނީ އެމްޑީޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ އަދި މައްޗަންގޮޅި މެދު ދާއިރާ އަށް ވާދަކުރައްވާ ނަޝީދުގެ މާލީ ބަޔާނަށެވެ.
އެމަނިކުފާނުގެ މާލީ ބަޔާނުގައިވާ ގޮތުން، ކުރީގެ ރައީސުންނަށް ދޭ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ އެއް ލައްކަ ރުފިޔާ ފިޔަވައި އިތުރު މަންފާއެއް ލިބިވަޑައެއް ނުގަންނަވަ އެވެ. ގާތްގަނޑަކަށް ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު، ކުރީގެ ރައީސުންގެ މުސާރަ އާއި އިނާޔަތްތައް ނަޝީދަށް ލިބިވަޑައިގަންނަވަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުންނެވެ.
ނަޝީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، މާޗް 13، 2015 ގައި ހުކުމް ކުރި ހިސާބުން ފެށިގެން މިދިޔަ ހަތަރު އަހަރެއްހާ ދުވަހު އެމަނިކުފާނަށް މުސާރަ އާއި އިނާޔަތެއް ލިބިވަޑައެއް ނުގަންނަވަ އެވެ. އެކަމަކު، ރައްޔިތުންގެ މަޖިލިހުން މި އަހަރަށް ފާސްކޮށްދިން ދައުލަތުގެ ބަޖެޓުގައި އެ ފައިސާ ހިމެނުމުން ނަޝީދަށް ކޮންމެ މަހަކު ވެސް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މިހާރު އެއް ލައްކަ ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.
ނަޝީދަށް ކުރި 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ބާތިލްކޮށްފަ އެވެ.
ނަޝީދުގެ މާލީ ބަޔާނުގައިވާ ގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި ހުޅުވާފައިވާ ޖޮއިންޓް އެކައުންޓެއްގައި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުއްޓެވެ. އެ ބޭންކުގައި ނަޝީދު ހުޅުއްވާފައިވާ ޖޮއިންޓް އެކައުންޓުގައި ހިމެނިވަޑައިގަންނަވަނީ ދެން ކޮން ބޭފުޅެއް ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ އަކީ ރާއްޖޭގެ އެންމެ މުއްސަނދި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެލިއާ އިންވެސްޓްމަންޓުގެ އެއް ހިއްސާދާރެވެ. ލައިލާގެ ބައްޕާފުޅު މަރްހޫމް އަލީ އަބްދުﷲ އުފެއްދެވި އެ ކުންފުނި މިހާރު ހިންގަވަނީ އޭނާގެ ބޭފުޅުންނެވެ.
އެސްބީއައިގެ އިތުރުން، އިނގިރޭސި ވިލާތުގެ ލޮއިޑްސް ބޭންކްގައި 20،000 ޕައުންޑް (ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ) ނަޝީދުގެ އެކައުންޓުގައި އެބަހުއްޓެވެ.
އަދި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓުގައި 295ރ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި 19،000 އަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވެ އެވެ.
- ބީއެމްއެލް އެކައުންޓުގައި 295.85ރ.
- އެމްއައިބީ އެކައުންޓުގައި 19،900.18ރ.
- އެސްބީއައިގެ ޖޮއިންޓް އެކައުންޓްގައި 5،040،294.24ރ.
- ލޮއިޑް ބޭންކްގައި/ ލަންޑަން 20،144.91 ޕައުންޑް (26،000 އަށްވުރެ ގިނަ ޑޮލަރު)
ނަޝީދުގެ މާލީ ބަޔާނުގައިވާ ގޮތުން ލ. ގަމުގައި 4،700 އަކަފޫޓުގެ ގޯއްޗަކާއި ކ. ތުލުސްދޫގައި 2،000 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއް އޮވެ އެވެ.
އެމްޑީޕީން ބުނި ގޮތުގައި އެ ޕާޓީގެ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅަން އެންގީ ކެންޑިޑޭޓުންނަށް ރައްޔިތުން ކުރާ އިތުބާރު ބޮޑު ކުރުމަށާއި ދެފެށް ފެންނަ ގޮތެއްގައި ކަންކަން ކުރުމުގެ ބޭނުމުގަ އެވެ.
މި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި 86 ދާއިރާއަކަށް ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިއިރު، އެ ކޮމިޝަނުން ވަނީ ހުރިހާ ކެންޑިޑޭޓުންގެ ކެންޑިޑެސީ ފޯމުތައް ބަލައިގެންފަ އެވެ.
މި ފަހަރުގެ އާންމު އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެ ހަމަވިއިރު ވަނީ 403 ފޯމު ހުށަހަޅާފައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.