21 ފެބުރުއަރީ 2019 - 20:56

އޭޕްރީލް މަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ސުންގަނޑި މިއަދު ހަމަވި އިރު 403 ކެންޑިޑޭޓަކު ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މަޖިލީހުގެ 87 ދާއިރާ އަށް ކުރިމަތިލުމަށް ދިން ވަގުތު ހަމަވީ މިއަދު ހަވީރު 4:00 އަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ޕާޓީތަކުން ކެންޑިޑޭޓުން ކުރިމަތިލި އަދަދާއި އަމިއްލަ ގޮތުން ކުރިމަތިލި އަދަދު ހޮނިހިރު ދުވަހު ހާމަކުރާނެ ކަމަށެވެ.
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން 86 ދާއިރާއަކަށް ވާދަކުރަން ހުށަހެޅި އެވެ. އެ ޕާޓީން ވާދަ ނުކުރަނީ ނިލަންދޫ ދާއިރާއަށް އެކަންޏެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން 42 ދާއިރާއަކަށް ވާދަކުރަން ފޯމް ހުށަހެޅި ކަމަށް އެ ޕާޓީން ބުންޏެވެ.
ޕީޕީއެމް، ޕީއެންސީ އަދި ޑީއާރްޕީ ކޯލިޝަނުން 50 ދާއިރާއަކަށް ވާދަކުރާ ކަމަށް ބުންޏެވެ. އެއީ ޕީޕީއެމް އާއި ޕީއެންސީގެ 46 ކެނޑިޑޭޓުންނާއި ޑީއާރްޕީގެ ފަސް ކެނޑިޑޭޓުންނެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރައްވާ ބޭފުޅުންނާއި އަދާލަތު ޕާޓީގެ އިތުރުން އެމްޓީޑީ އާއި އެމްޑީއޭގެ އަދި ލޭބާ ޕާޓީން ވެސް މަޖިލިސް އިންތިޚާބުގައި ވާދަކުރެ އެވެ.
މިފަހަރު އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ އިތުރުން ކުރީގެ ވަޒީރުން ވެސް ގިނަ އަދަދަކަށް ހިމެނެ އެވެ.
މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެ އެވެ.