އަމިއްލަ ގޮތުން މަޖިލީހަށް ކުރިމަތިލާ ޕާޓީގެ މެންބަރުންނަށް ފިޔަވަޅު އަޅާނަން: ޕީޕީއެމް/ޕީއެންސީ
އަމިއްލަ ގޮތުން މަޖިލީހަށް ކުރިމަތިލާ ޕާޓީގެ މެންބަރުންނަށް ފިޔަވަޅު އަޅާނަން: ޕީޕީއެމް/ޕީއެންސީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޓިކެޓު ދީފައިވާ ދާއިރާތަކަށް ޕާޓީގެ މެމްބަރަކު އަމިއްލަ ގޮތުން ވާދަކަ ކުރަން ހުށަހަޅާފައިވާ ނަމަ، އެ މީހަކަށް ފިޔަވަޅު އަޅާނެ ކަމަށް ޕީޕީއެމް) އާއި ޕީއެންސީ އިން މިއަދު ބުނެފި އެވެ.

ކޯލިޝަން ހަދާފައިވާ ޕީޕީއެމް އާއި ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ރަސްމީ ކެންޑިޑޭޓެއް ކަނޑައަޅާފައިވާ ދާއިރާއަކަށް، ކޯލިޝަނުގެ އެހެން މެމްބަރަކު ހުށަހަޅައިފި ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. މިއީ މި ކޯލިޝަނުގައި ހިމެނޭ ތިން ޕާޓީ ކަމަށްވާ ޕީޕީއެމް އާއި ޕީއެންސީ އަދި ޑީއާރްޕީން ގުޅިގެން ނިންމާފައިވާ ގޮތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ކޯލިޝަނުން ތާއިދުކުރާ އެހެން ޕާޓީއެއްގެ މެމްބަރަކު ހުރި ދާއިރާއަކަށް، އެ ކޯލިޝަންގެ މެމްބަރަކު އަމިއްލަ ގޮތުން ވާދަކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީ އިން ވަނީ ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންނަށް ތާއީދުކުރާނެ ކަމަށް ކުރިން ބުނެފަ އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ އެމްޑީޕީ [މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ] އަށް މެޖޯރިޓީ ނުދޭން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދާލަތުގެ ޕާޓީގެ މެމްބަރުނަށް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްުގެ އެމްއާރްއެމް އަށް ނިސްބަތްވާ ކެނޑިޑޭޓުންނަށް ތާއީދު ނުކުރާނެ ކަމަށެވެ.

އަމިއްލަ ގޮތުން ވާދަކުރާ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ބުނި އިރު ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ހުޅުމާލެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވުމުން، އޭނާ ވަނީ ޕާޓީގެ ވައިބަ ގްރޫޕްތަކުން ނެރެފަ އެވެ. ހުޅުމާލެ ދާއިރާ އަކީ ޕީއެންސީގެ ރައީސް އަބްދުއްރަހީމްގެ ދަރިފުޅު އިބްރާހިމް ފައިސަލް ވާދަކުރައްވާ ދާއިރާ އެވެ.

އަބްދުއްރަހީމް ވިދާޅުވީ މަޝްވަރާކުރުމަށް ފަހު ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އަޒްލީނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ގެމަނަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖަމީލް އުސްމާން ވެސް މި އިންތިޚާބުގައި ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. ނަމަވެސް ޖަމީލްއާ މެދު މިހާތަނަށް ފިޔަވަޅެއް ނާޅަ އެވެ.

މަޖިލީސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވި އިރު، އެ ކޯލިޝަނުން 50 ދާއިރާއަކަށް ވަނީ ކުރިމަތިލާން ހުށަހަޅައިފަ އެވެ. އެއީ ޕީޕީއެމް އާއި ޕީއެންސީ ނިސްބަތްވާ 46 ކެނޑިޑޭޓުންނާއި ޑީއާރްޕީގެ ފަސް ކެނޑިޑޭޓުންނެވެ.