ބާސެލޯނާ އާއި މެންޗެސްޓާ ސިޓީ އެއް ގްރޫޕަކަށް
ބާސެލޯނާ އާއި މެންޗެސްޓާ ސިޓީ އެއް ގްރޫޕަކަށް

މޮނާކޯ (އޮގަސްޓް 25) - މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މެންޗެސްޓާ ސިޓީ އާއި އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ ކުރީގެ ކްލަބް ބާސެލޯނާ އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

ބާސެލޯނާ އަށް ކުޅެ އެ ޓީމަށް ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްދީފައިވާ ގާޑިއޯލާ، ސިޓީ ގޮވައިގެން ބާސެލޯނާއާ ދެކޮޅަށް ނުކުންނަ މެޗު ވެގެންދާނީ ގްރޫޕް ސްޓޭޖުގެ އެންމެ ފޯރިގަދަ އެއް މެޗަށެވެ. މި ދެ ޓީމުގެ އިތުރުން ގްރޫޕް ސީ ގައި ދެން ހިމެނެނީ ސްކޮޓްލެންޑުގެ ޗެމްޕިއަން ސެލްޓިކާއި ޖަރުމަނުގެ ބޮރޫޝިއާ މޮންގްލަޑްބެކް އެވެ.

ޖުމްލަކޮށް މި ފަހަރު ހުރިހާ ގްރޫޕެއް ވެސް ހަމަހަމަކޮށް ފެންނައިރު ދެން އެންމެ ވަރުގަދަ އެއް ގްރޫޕަކީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއި އެންމެ ފަހުގެ ރަނަރަޕް ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އަދި ނެދަލެންޑްސްގެ ޕީއެސްވީ އާއި ރަޝިއާގެ ރޮސްޓޯވް ހިމެނޭ ގްރޫޕް ޑީ އެވެ. ޗެމްޕިއަންސް ލީގު ކޯޗެއްގެ ގޮތުގައި އަދި ކުޅުންތެރިއެއްގެ ގޮތުގައި ޖުމްލަ ފަސް ފަހަރު ހޯދާފައިވާ ކާލޯ އަންޗެލޮޓީ ކޯޗުކޮށްދޭ ބަޔާނުގެ މައްޗަށް އެތުލެޓިކޯ އިން ވަނީ މިދިޔަ ސީޒަނުގެ ސެމީ ފައިނަލުގައި ކުރި ހޯދައިފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިނުގެ ރެއާލް މެޑްރިޑުގެ ގްރޫޕް އޮތީ ޖަރުމަނުގެ ގަދަބާރު އަދި 2012 ވަނަ އަހަރު ފައިނަލުގައި ކުޅުނު ބޮރޫޝިއާ ޑޯޓްމަންޑާއި ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އަދި ޕޮލެންޑުގެ ލިގާ ވޯސޯއާ އެކު ގްރޫޕް އެފް ގަ އެވެ.

އެންމެ ހައިރާންކޮށްލުމަށް ފަހު މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި ލެސްޓާ ސިޓީ ލައްވާލީ ގްރޫޕް ޖީ އަށެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ޕޯޗުގަލްގެ ޕޯޓޯ އާއި ބެލްޖިއަމްގެ ކްލަބް ބުރުޖް އަދި ޑެންމާކުގެ އެފްސީ ކޯޕެންހޭގަން އެވެ.

އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ހިމެނެނީ ސްޕެއިނުގެ ސެވިއްޔާ އާއި ފްރާންސްގެ ލިޔޯނާއި ކްރޮއޭޝިއާގެ ޑިނަމޯ ޒެގްރެބާ އެކު ގްރޫޕް އެޗް ގަ އެވެ. އިންގްލެންޑުގެ އާސެނަލާއި ފްރާންސްގެ ޕީއެސްޖީ ހިމެނެނީ ސްވިޒަލެންޑުގެ އެފްސީ ބަސެލް އާއި ބަލްގޭރިއާގެ ލުޑޮގޮރެޓްސްއާ އެކު ގްރޫޕް އޭ ގަ އެވެ.

މޮނާކޯގައި މިރޭ ބޭއްވި ގުރުނެގުމުގެ ރަސްމިއްޔާތުގައި، ގުރު ނަގައިދިނީ ބާސެލޯނާއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އަދި އާސެނަލްގެ ކުރީގެ ކެޕްޓަން ތިއެރީ އޮންރީ އާއި އޭސީ މިލާނާ އެކު މުބާރާތް ކާމިޔާބުކޮށްފައިވާ ކްލަރެންސް ސީޑޯފް އަދި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވާޑް ރުޑް ވެން ނިސްޓެލް ރޫއީ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެރެ އެވެ. ދެ ވަނަ ބުރު އަންނަ އަހަރުގެ ފެބްރުއަރީ 17 ގައި ފަށާއިރު، ފައިނަލް މެޗު އޮންނާނީ ކާޑިފްގެ މިލޭނިއަމް ސްޓޭޑިއަމުގައި އަންނަ އަހަރުގެ ޖޫން 3 ވަނަ ދުވަހު އެވެ.