23 ފެބުރުއަރީ 2019 - 09:28

ބޮލީވުޑްގެ އޭ ލިސްޓް ތަރިންނަކީ ބިރުވެރި ފިލްމުތަކާ ވަރަށް ދުރު ބައެކެވެ. އެކަމަކު މި ފަހުން ހޮރޯ ކޮމެޑީތައް ހަދައިގެން ލިބެމުން އަންނަ ތަރުހީބާ އެކު، ބައެއް ތަރިން މިހާރު މި ޖޯންރާ ތަޖުރިބާކުރާކަށް ބިރެއް ވެސް ނުނަގަ އެވެ.
މި ފަހުންް ބިރުވެރި ފިލްމެއް ކުޅުނު ބޮލީވުޑްގެ އެންމެ މަޝްހޫރު ބަތަލާއަކީ އަނުޝްކާ ޝަރުމާ އެވެ. އެއީ މިދިޔަ އަހަރު ރިލީޒް ކުރި "ޕަރީ" އެވެ.
ބަތަލާ ކެޓްރީނާ ކެއިފް ބުނި ގޮތުގައި މިހާތަނަށް އޭނާ ބިރުވެރި ފިލްމެއް ކުޅެފައި ނުވާތީ، އެ ޖޯންރާގެ ފިލްމަކަށް ޝައުގުވެރިކަން އެބަހުއްޓެވެ.
އޭނާ މިހާރު ކުޅެމުން އަންނަ ފިލްމު "ބާރަތު" ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރާ އެކު، މަޝްހޫރު ފިލްމު ކްރިޓިކް ކޯމަލް ނަހަޓާ ޒީ ކެފޭގައި ހޯސްޓް ކުރާ ޝޯ "ސްޓާރީ ނައިޓްސް 2.އޯ!" ގައި ބައިވެރިވަމުން ކެޓްރީނާ ބުނީ މިހާތަނަށް އޭނާ ތަޖުރިބާ ނުކުރާ ހަމައެކަނި ޖޯންރާއަކީ ހޮރޯ ކަމަށެވެ.
އެއަށް ރައްދު ދެމުން އަލީ ބުނީ ސިކުނޑީގައި ކެޓްރީނާ ބައިންދައިގެން ބިރުވެރި ފިލްމެއްގެ ސްކްރިޕްޓެއް ލިޔެފައިވާ ކަމަށެވެ. އެކަމަކު އެއީ އަލީ މަޖަލަކަށް ބުނި އެއްޗަކަށްވާތީ، ކެޓްރީނާއާ އެކު ބިރުވެރި ފިލްމެއް ހަދާކަށް އަދި ޕްލޭންކޮށްފައެއް ނެތެވެ. އެކަމަކު ބެލުންތެރިން ކެޓްރީނާ ބިރުވެރި ފިލްމަކުން ވެސް ދެކިލަން މިހާރު ބޭނުން ވާނެކަން ޔަގީނެވެ.
އަންނަ ފިތުރު އީދުގައި ރިލީޒް ކުރާ "ބާރަތު" އަކީ އަލީއާ އެކު ކެޓްރީނާ މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. އެ ދެ މީހުން އެކީގައި ފުރަތަމަ މަސައްކަތް ކުރީ 2011 ގެ "މޭރޭ ބްރަދާ ކީ ދުލްހަން" ގަ އެވެ. އޭގެ ފަހުން ކެޓްރީނާ، އަލީއާ އެކު މަސައްކަތް ކުރީ 2017 ގައި ސަލްމާން ހާނާ އެކު ކުޅުނު "ޓައިގާ ޒިންދާ ހޭ" ގަ އެވެ.
"ބާރަތު" އިން އޭނާ އަށް ފުރުސަތު ލިބުނީ އެ ފިލްމަށް ކުރިން ސޮއި ކުރި ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ފިލްމު ދޫކޮށްލުމުންނެވެ. އަލީ ކުރިން ބުނެފައިވާ ގޮތުގައި އޭނާ ފިލްމެއް ހަދާ ނަމަ އަބަދު ވެސް އޭގެ ބަތަލާއަކަށް ނަގަން ފުރަތަމަ ވިސްނާ މީހަކީ ކެޓްރީނާ އެވެ.
ކެޓްރީނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޑިސެމްބަރު މަހު ރިލީޒް ކުރި ޝާހްރުކް ހާންގެ ފްލޮޕް ފިލްމު "ޒީރޯ" އެވެ.