21 ފެބުރުއަރީ 2019 - 13:12

ބީއެމްއެލް އިން އަލަށް ތައާރަފްކުރި، މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓާއެކު ބޭންކިން ހިދުމަތް ހޯދަން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ބީއެމްއެލް އިން މިއަދު ބުނެފި އެވެ.
އެ ބޭންކުން ބުނީ ޑިޖިޓަލް ވޮލެޓަކާ ލިންކުކޮށްފައިވާ މި ކާޑު، ފައިސާ ލިބިގަތުމަށާއި ޚަރަދުތައް ކުރުމަށް ކެޔޮޅުންނާއި ފަޅުވެރިންނަށް ބޭނުންކުރެވޭނެ އެވެ.
މަސްވެރިންގެ އަތުން މަސް ގަންނަ ކުންފުނިތަކަށް މި ޑިޖިޓަލް ވޮލެޓާއެކު ހިމެނޭ އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް މަސްދޯނިތަކަށް ފައިސާދެއްކޭނެ އެވެ. މިއާއެކު މިފަދަ ކުންފުނިތަކަށް ބޭނުންވާ ނަގުދު ފައިސާގެ މިންވަރު ދަށްކުރެވޭނެ އެވެ.
މަސްދޯނިތަކަށް ބޭނުންވާ ތެލާއި އައިސް ގަތުމުގެ އިތުރުން ފަޅުވެރިންނަށް ލިބެންޖެހޭ ފައިސާ ވެސް އެ ފަޅުވެރިންގެ ކާޑަށް ފޮނުވާލެވޭނެ އެވެ. މި ކާޑު ޕީއޯއެސް، އޭޓީއެމް އަދި ކޭޝް އެޖެންޓް ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭނެ އެވެ. އަދި މީގެ އިތުރުން އޮންލައިން ވިޔާފާރިކުރުމަށާއި ރާއްޖޭން ބޭރުގައިވެސް މިކާޑު ބޭނުން ކުރެވޭނެ އެވެ.
މި ކާޑު ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ބޭންކިންގެ ހިދުމަތް، ވީހާ ވެސް ގާތުން އެންމެންނަށް ފޯރުކޮށްދެވޭނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ. އެހެންކަމުން މަސްވެރިންނަށް މި ތައާރަފްކުރެވެނީ އެންމެ މިޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވަރަށް ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ބޭނުންކުރެވޭނެ ހިދުމަތެއް ކަމަށް ވިދާޅުވި އެވެ.
މަސްވެރިޔާ ކާޑު މެދުވެރިކޮށް ރައްކާތެރިކަމާ އެކު، ނަގުދު ފައިސާއާ ނުލައި ކޮންމެ ވަގުތަކު ކޮންމެތާކު ހުރެގެން ބޭންކިން ހިދުމަތް ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިގޮތަށް މަސްވެރިޔާ ކާޑު މެދުވެރިކޮށް ލިބޭ އާމްދަނީ އަށް ބަލައި ބޭންކުން ފަސޭހައިން ލޯނު ދިނުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.