21 ފެބުރުއަރީ 2019 - 12:48

ދިމިޝްގު (ފެބްރުއަރީ 21) - ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައި ސީރިއާގައި އޮތް ހަމައެކަނި އަވަށުން އާއްމުން ނެރުމުގެ މަސައްކަތް ފަށައިފި އެވެ.
އިރާގުގެ ބޯޑަރާ ކައިރީގައި އޮންނަ ބަގޫޒް އަވަށުން އިއްޔެ ވަނީ އެތައް ސަތޭކަ ބަޔަކު ނެރެފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަ ކުދިން ހިމެނެ އެވެ. ރޮއިޓާސް އިން ބުނީ ބަގޫޒް އިން އިއްޔެ 2،000 މީހުން ނުކުމެފައިވާ ކަމަށެވެ.
އެމެރިކާގެ މަދަދު ލިބޭ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން ބުނީ އައިއެސްގެ ބާރުގެ ދަށުގައި އޮތް އަވަށުން އާއްމުން ނެރެނީ އެ އަވަށަށް ވަރުގަދަ ހަމަލާތަކެއް ދޭން ކަމަށެވެ. އަދި އެ މީހުން ތިބީ އެ އަވަށުން އާއްމުން ނެރެ ހުސްކުރާނެ ވަގުތެއްގެ އިންތިޒާރުގައި ކަމަށެވެ. އެސްޑީއެފް އިން ބުނީ އެ އަވަށުން ނެރޭ މީހުން ކޭމްޕްތަކަށް ފޮނުވަނީ ސްކްރީން ކުރުމަށް ފަހު ކަމަށެވެ. ބަގޫޒް އަވަށުގައި މިހާރު ތިބީ އައިއެސްގެ 300 ވަރަކަށް ހަނގުރާމަވެރިންނެވެ.
އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރާ އެމެރިކާ ކޯލިޝަނުން ބުނީ ބަގޫޒްގައި ތިބީ އައިއެސްގެ އެންމެ ނުރައްކާ ހަނގުރާމަވެރިން ކަމަށެވެ.
"ބަގޫޒްގައި ތިބި ހަނގުރާމަވެރިންނަށް އޮތީ ދެ ގޮތެއް. އެއް ގޮތަކީ ޝަރުތެއް ނެތި އަމާން ދިނުން. ނުވަތަ މިކަން ނިމެންދެން ހަނގުރާމައާ ކުރިމަތިލުން،" އެސްޑީއެފްގެ ތަރުޖަމާން މުސްތަފާ ބާލީ ވިދާޅުވި އެވެ.
އެސްޑީއެފްގެ އެހެން ތަރުޖަމާނެއް ކަމަށްވާ އަދުނާން އަފްރިން ވިދާޅުވީ ބަގޫޒުން ނުކުންނަ އާއްމުންގެ ތެރޭގައި ހިމެނިގެން އައިއެސްގެ ބައެއް ހަނގުރާމަވެރިން ފިލަމުންދާ ކަމަށެވެ.
"އާއްމުންގެ ތެރޭގައި ހިމެނިގެން ބަގޫޒް އަވަށުން ފިލަން މަސައްކަތް ކުރާ އައިއެސްގެ މީހުން މިދަނީ ހައްޔަރު ކުރަމުން. އޭގެ ތެރޭގައި އެކި ގައުމުތަކުގެ މީހުން ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
މީގެ ފަސް އަހަރު ކުރިން އައިއެސް އިން ވަނީ ސީރިއާގެ ހުޅަނގާއި އިރާގުގެ އިރުމަތިން 88،000 އަކަ ކިލޯ މީޓަރު (34،000 އަކަ މޭލު) ގެ ސަރަހައްދެއް ކޮންޓްރޯލް ކޮށްފަ އެވެ.