21 ފެބުރުއަރީ 2019 - 12:05

ވޮލީބޯޅަ އެސޯސިއޭޝަނުން ބާއްވާ ރިޒޯޓް ވޮލީބޯޅަ މުބާރާތާއި ފުޓްބޯޅަ އެސޯސިއޭޝަން އަލަށް ފަށާ ރިޒޯޓް ފުޓްސަލް މުބާރާތް ޓޫރިޒަމް މިނިސްޓްރީން އެންޑޯސްކޮށްގެން ކޮންމެ އަހަރެއްގެ ވެސް ޖޫން 10 އިން ސެޕްޓެމްބަރު 10 އަށް ބާއްވަން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު އަދި އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކުގެ ފުރިހަމަ އެއްބާރުލުމާ އެކު، މުބާރާތް ކަނޑައެޅޭ ތާރީހުތަކެއްގައި ބާއްވާނީ ފުރިހަމަ މީޑިއާ ކަވަރޭޖަކާ ވެސް އެކު ކަމަށާއި ބޭނުންވަނީ ރާއްޖޭގެ އިގްތިސާދުގެ 70 ޕަސެންޓް ހިއްސާކުރާ ސިނާއަތުގެ މަސައްކަތްތެރިންގެ އަގުވަޒަންކުރުން ކަމަށެވެ.
ރިޒޯޓް ވޮލީބޯޅަ މުބާރަތަކީ ޒަމާނުއްސުރެ ބާއްވަމުން އަންނަ ފޯރިގަދަ މުބާރާތެކެވެ. އެކަމަކު ފަހަކަށް އައިސް ޝެޑިއުލާއި ފޯމެޓަށް ދޭތެރެދޭތެރެއިން ބަދަލު އާދެ އެވެ. މި މުބާރާތަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިން ވެސް ކުޅޭ އަދި އެ ކުޅުންތެރިންނާށް އާމްދަނީ ލިބޭނެ މަގު ވެސް ފަހިވާ މުބާރާތެވެ.
މިނިސްޓަރު ވިދާޅުވީ ޖޫން އިން ސެޕްޓެމްބަރަށް ބާއްވަނީ ރޯދަ މަހަށް ފަހު ފަށައި ރިޒޯޓްތަށް ފުލްވާ ދުވަސްވަރުގެ ކުރިން ނިންމާލަން ކަމަށާއި ސަރުކާރުން އެންޑޯސްކޮށްގެން ބާއްވާއިރު ބާއްވަން ޖެހޭނީ ހުރިހާ އެންމެންނަށް ވެސް ފައިދާވާ ގޮތަށް ކަމަށެވެ.
އެފްއޭއެމުން ރިޒޯޓް ފުޓްސަލް މުބާރާތް ފަށަން ނިންމިއިރު، އަމިއްލަ ބަޔަކު އަންނަނީ ރިޒޯޓް ފުޓްސަލް ލީގެއް މީގެ ހަޔެއްކަ އަހަރު ކުރިން ފެށިގެން ފުޅާ ދާއިރާއެއްގައި ބާއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ އެ މުބާރާތް ބާއްވާތީ އެކަން އުފަލާ އެކު ފާހަގަކުރާ ކަމަށާއި އެކަމަކު އެފްއޭއެމްގެ މުބާރާތުގެ ސަބަބުން އެ މުބާރާތަށް ހުރަސް ނޭޅޭނެ ކަމަށެވެ. އެހެންވިޔަސް ރިޒޯޓްތަކުގެ މެދުގައި ބާއްވާ އެންމެ މަތީ ފެންވަރުގެ ފުޓްސަލް މުބާރާތަށް ވެގެންދާނީ ސަރުކާރުގެ ރުހުމާ އެކު ބާއްވާ އެފްއޭއެމް މުބާރާތް ކަމަށް އޭނާ ވިދާޅުވި އެވެ.
މުބާރާތުގެ ހުރިހާ މެޗެއް ވެސް ވަގުތުން ފެންނަން ޖެހޭނެ ކަމަށާއި އެކަމަށްޓަކައި މީޑިއާ ކަވަރޭޖްދޭނެ ފަރާތެއް ހޯދަން ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރިޒޯޓް މުވައްޒަފުންގެ މެޗުތައް ދުރުގައި ތިބި އެ މުވައްޒަފުންގެ އާއިލާ މެމްބަރުންނަށް ފެނި އަދި ކުޅިވަރުގެ ތެރެއިން އެއްބައިވަންތަންކަން އާލާކުރުމަކީ ވަރަށް ބޮޑަށް އިސްކަންދެއްވާނެ ކަމެއް ކަމަށެވެ.