21 ފެބުރުއަރީ 2019 - 12:03

ޑާކާ (ފެބްރުއަރީ 21) - ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މީހުން ދިރިއުޅޭ އެޕާޓްމަންޓް ކޮމްޕްލެކްސްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 70 މީހުން މަރުވެއްޖެ އެވެ.

އަލިފާން ރޯވީ އިމާރާތެއްގެ އެއް ފްލޯގައި ހުޅުހިފާ ޒާތުގެ ކެމިކަލް ރައްކާކޮށްފައި ހުރި ތަނެއްގަ އެވެ. އަލިފާންގަނޑު ވަނީ ވަރަށް އަވަހަށް ފެތުރި އެހެން އިމާރާތްތަކުގައި ވެސް ރޯވެފަ އެވެ. ގިނައިން މަރުވެފައި ވަނީ ކައިވެނި ޕާޓީއަކަށް ތައްޔާރުވެގެން ތިބި ބައެއް ކަމަށްވެ އެވެ. އެ މީހުން ތިބީ އެ އިމާރާތުގެ ރެސްޓޯރެންޓް އޭރިއާގަ އެވެ. އަލިފާން ރޯވެފައި ވަނީ އިމާރާތްތައް ތޮއްޖެހިފައިވާ ސަރަހައްދެއްގަ އެވެ.
އަލިފާން ނިންވަން ދަތިވެފައި ވަނީ އެ ސަރަހައްދުގެ މަގުތައް ހަނިވުމުންނެވެ. ޑާކާގެ މެޓްރޯޕޮލިޓަން ޕޮލިސް ޑިޕިއުޓީ ކޮމިޝަނާ އިބްރާމް ޚާން ވިދާޅުވީ އެޕާޓްމަންޓުގެ ބޭރުގައި ތިބި ބައެއް މީހުން ވެސް މަރުވެފައިވާ ކަމަށެވެ.
އަލިފާން ރޯވި އޯލްޑް ޑާކާގެ ޗޯކްބާޒަކީ ކެމިކަލް އަދި ޕާފިއުމް ފެކްޓަރީތައް ގިނަ ސަރަހައްދެކެވެ. ދެހާސް ދިހަ ވަނަ އަހަރު އެ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އެ ހިސާބުގައި ކެމިކަލް ގުދަން ކުރުން ވަނީ މަނާކޮށްފަ އެވެ.
އަލިފާން ރޯވުމާ އެކު ބައެއް މީހުން ވަނީ އިމާރާތްތަކުގައި ތާށިވެފަ އެވެ.
"އަހަރެންގެ ފިހާރަ ވަނީ އެކުގައި އަނދާފައި. އަހަރެން ސަލާމަތްވީ ފިހާރައިގައި އިނދެފައި ފާމަސީއަށް ދިޔަ ވަގުތު. ފާމަސީގައި ހުއްޓާ ކުއްލިއަކަށް އިވުނީ އެއްޗެއް ގޮވި އަޑު. ދެން ފެނުނީ މުޅި ހިސާބަށް އަލިފާން ފެތުރުނު މަންޒަރު،" ހާޖީ އަބްދުލް ކާދިރު ކިޔާ މީހަކު ބުންޏެވެ.
ގާމެންޓް ފެކްޓަރީތައް ހިމެނޭ އެޕާޓްމަންޓްތަކެއްގައި 2013 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި 1،100 މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަޚަމްވި އެވެ.