22 ފެބުރުއަރީ 2019 - 07:28

އަންނަ މަހު ރިލީޒްކުރާ، އަކްޝޭ ކުމާރުގެ ތާރީހީ ހަނގުރާމަމަތީ ފިލްމު "ކޭސަރީ" ގެ ތިން ޕްރޮމޯއެއް ދައްކައިލުމަށް ފަހު، ފިލްމުގެ ރަސްމީ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފި އެވެ.
މި ފިލްމުގައި ކިޔައިދޭނީ އިންޑިއާގެ އަސްކަރިއްޔާގެ ސިކުންގެ 21 އޮފިސަރަކު އަފްޣާނިސްތާނުގެ 10،000 ހަނގުރާމަވެރިޔަކާ ކުރިމަތިލައިގެން ހޯދާ ފަހަތަ އެވެ. މިއީ ސަރްގާހީ ހަނގުރާމައިގައި ނަމުގައި 1897 ގައި ހިނގި ހަނގުރާމަ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
ކަަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަނޫރާގް ސިންގް ޑައިރެކްޓްކޮށްފައިވާ "ކޭސަރީ" ގައި އަކްޝޭއާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ ޕަރިނީތީ ޗޯޕްޅާ އެވެ. މިއީ މި ދެ ތަރިން އެކީގައި ފެންނަ ފުރަތަމަ ފިލްމެވެ.
"ކޭސަރީ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ.
އަޔޫޝްމަން ކުރާނާ އާއި ނުޝްރަތު ބަރޫޗާ ލީޑް ރޯލް ކުޅޭ ފިލްމު "ޑްރީމް ގާލް" އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.
އެކްތާ ކަޕޫރް ޕްރޮޑިއުސް ކުރާ މި ފިލްމަކީ ކޮމެޑީއެކެވެ. އަދި މިއީ އަޔޫޝްމަން އާއި ނުޝްރަތު އެކީގައި ފެނިގެން ދާނެ ފުރަތަމަ ފިލްމު ވެސް މެ އެވެ.
"ޑްރީމް ގާލް" ގެ ޑައިރެކްޓަރަކީ ރާޖް ޝަންޑަލިޔާ އެވެ.
އަންނަ މަހުގެ 15 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމު "މިލަން ޓޯކީޒް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ޓިގްމަންޝޫ ދޫލިއާ ޑައިރެކްޓްފައިވާ މި ފިލްމުގެ ތަރިންނަކީ އަލީ ފަޒަލް، ޝްރަދާ ސްރީނާތު، ސަންޖޭ މިޝްރާ، ރީޗާ ސިންހާ އަދި އަޝުތޯޝް ރާނާ އެވެ. "މިލަން ޓޯކީޒް" އަކީ ވެސް އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.
ގާތްގަނޑަށް ތިން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޕްރިޔަންކާ ޗޯޕްޅާ ބޮލީވުޑްގެ ފިލްމަކުން ފެންނަ ފުރަތަމަ ފިލްމު "ދަ ސްކައި އިޒް ޕިންކް" އަންނަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
ރޯނީ ސްކްރޫވާލާ އާއި އަދިތިޔާ ރޯއި ކަޕޫރް ގުޅިގެން ގެނެސްދޭ މި ފިލްމުގެ ޕްރިޔަންކާ ފެނިގެން ދާނީ ފަރްހާން އަހްތަރާއި ޒާއިރާ ވަސީމާ އެކީގަ އެވެ.
"ދަ ސްކައި އިޒް ޕިންކް" އަކީ އިންޑިއާގެ ކުރީގެ މޯޓިވޭޝަނަލް ސްޕީކަރް އަދި ލިޔުންތެރިޔާ އައިޝާ ޗައުދަރީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މީގައި ޕްރިޔަންކާ އާއި ފަރްހާން ފެނިގެން ދާނީ އައިޝާ (ޒާއިރާ) ގެ މައިންބަފައިންގެ ރޯލުންނެވެ.
"ދަ ސްކައި އިޒް ޕިންކް" ގެ ޑައިރެކްޓަރަކީ ޝޮނާލީ ބޯސް އެވެ.