ޕްރޮޑިއުސަރު ރާޖްކުމާރު ބަރްޖަތިއާ މަރުވެއްޖެ
ޕްރޮޑިއުސަރު ރާޖްކުމާރު ބަރްޖަތިއާ މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ބައްޕަ އަދި ކާމިޔާބު އެތައް ފިލްމެއް އުފެއްދި ޕްރޮޑިއުސަރު ރާޖްކުމާރު ބަރްޖަތިއާ މިއަދު މަރުވެއްޖެ އެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "މޭނޭ ޕިިޔާރް ކިޔާ" އާއި "ހަމް އާޕް ކޭ ހޯ ކޯން" ފަދަ ހިތްގައިމު އެތައް ފިލްމެއް ގެނެސްދިން ފިލްމު ކުންފުނި ރާޖްޝްރީ ޕްރޮޑަކްޝަންގެ ބާނީ މަރުވީ މުމްބާއީގެ ސާ އެޗްއެން ރިލަޔަންސް ފައުންޑޭޝަން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނެވެ.

އިންޑިއާގެ ފިލްމީ ދާއިރާގެ ހިދުމަތްތެރި ޕްރޮޑިއުސަރުގެ މަރުގެ ހަބަރާ އެކު ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު އަންނަނީ އާއިލާ އަށް ތައުޒިޔާ ކިޔަމުންނެވެ.

ރާޖްކުމާރު ޕްރޮޑިއުސްކޮށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މި މަހުގެ 15 ވަނަ ދުވަހު ރިލީޒްކުރި "ހާމް ޗާރް" އެވެ. އޭނާގެ ދަރިފުޅު ސޫރަޖަކީ އިންޑިއާގެ އެންމެ މޮޅު އަދި އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރެއިން އެކެކެވެ.

ރާޖްޝްރީ ޕްރޮޑަކްޝަން ފާހަގަކުރެވިފައި ވަނީ އާއިލީ ލޯބީގެ ފިލްމުތައް ގެނެސް ދޭން އަރާހުރި ކުންފުންޏެއްގެ ގޮތުގަ އެވެ.

ބައްޕަ ރާޖްކުމާރު މިއަދު މަރުވި އިރު، 2013 ގައި "ޕްރޭމް ރަތަން ދަން ޕާޔޯ" ގެނެސް ދިން ސޫރަޖް ވަނީ އަންނަ އަހަރު އަނެއްކާ ވެސް ސަލްމާން ހާނާ އެކު ފިލްމެއް ގެނެސް ދޭން ނިންމައިފަ އެވެ.