22 ފެބުރުއަރީ 2019 - 07:29

މީގެ ކުރިން ވެސް އެކީގައި ކާމިޔާބު ދެ ފިލްމެއްގައި މަސައްކަތްކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު އަދި ތަޖުރިބާކާރު ދެ ތަރިން ކަމަށްވާ ކެވިން ކޯސްނާ އާއި ޑަޔަން ލޭން އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
ދެ ތަރިން އެކީގައި އަލަށް ފެނިގެން ދާނީ ސަސްޕެންސް ތުރިލާ "ލެޓް ހިމް ގޯ" އިންނެވެ. މީގައި ކޯސްނާ އާއި ލޭން ކުޅޭނީ ދެމަފިރިންގެ ރޯލެވެ. މި ދެ ތަރިން އެކީގައި ކުރިން މަސައްކަތްކޮށްފައި ވަނީ 2016 ގެ "ބެޓްމޭން ވާސަސް ސުޕަމޭން: ޑޯން އޮފް ޖަސްޓިސް" އާއި 2013 ގެ "މޭން އޮފް ސްޓީލް" ގަ ވެ.
ހޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ލެޓް ހިމް ގޯ" ގެ ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓް ކުރަނީ 2005 ގެ "ދަ ފެމިލީ ސްޓޯން" ގެނެސް ދިން ތޯމަސް ބެޒޫކާ އެވެ. "ލެޓް ހިމް ގޯ" އަކީ ހަމަ އެ ނަމުގައި ލެރީ ވޮޓްސަން 2013 ގައި ގެނެސް ދިން ވާހަކަ އަށް ބިނާކޮށް ހަދާ ފިލްމެކެވެ.
މީގައި ކިޔައި ދެނީ ނުރައްކާތެރި ބައެއްގެ އަތްދަށުން ކާފަދަރިއަކު ސަލާމަތް ކުރަން ދެމަފިރިއަކު ކުރާ މަސައްކަތެވެ.
"ލެޓް ހިމް ގޯ" ގެ މަސައްކަތް ފަށާނެ އިރެއް އަދި އިއުލާންކޮށްފައި ނުވާ އިރު "ޑާންސެސް ވިތު ވުލްވްސް" ޑައިރެކްޓްކޮށްގެން 1990 ވަނަ އަހަރު އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ކޮސްނާ، 64، ގެ ދެ ފިލްމެއް މި އަހަރު ސިނަމާތަކަށް އަންނާނެ އެވެ، އެއީ "ދަ ހައިވޭމެން" އާއި "ދި އާޓް އޮފް ރޭސިން އިން ދަ ރެއިން" އެވެ.
"އަންފެއިތުފުލް" ފަދަ ފިލްމުތައް ކުޅެފައިވާ ލޭން، 54، އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒް ކުރި "ސެރިނިޓީ" އިންނެވެ.