ސަސްޕެންޝަން އުވާލުމުން ނަބީހާ ގައުމީ ޕްރެކްޓިހަށް
ސަސްޕެންޝަން އުވާލުމުން ނަބީހާ ގައުމީ ޕްރެކްޓިހަށް

ރާއްޖޭގައި މިވަގުތު ހުރި އެންމެ އުއްމީދީ އެއް އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ އައިމިނަތު ނަބީހާ، ސަސްޕެންޝަނަށް ފަހު އަލުން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

ނަބީހާ، ގައުމީ ޓީމުން ސަސްޕެންޑްކުރީ ގައުމީ ޓީމުގެ ހާޒިރީ ލިސްޓުގައި، ޕްރެކްޓިހަށް ހާޒިރުނުވާ ކުޅުންތެރިންގެ ނަމާ ދިމާލުގައި ނާންނަކަން ފާހަގަކުރުމުންނެވެ. ނަބީހާ އޭރު ބުނީ އެކަން ކުރި ސަބަބަކީ ކޯޗަށް ހާޒިރީ ކަންތައްތައް ރަނގަޅަށް ނުބެލި، ޕްރެކްޓިހަށް ހާޒިރުނުވާ ކުޅުންތެރިން ވެސް، އައި ކަމަށް ފާހަގަޖަހާތީ އެކަމާ ދެކޮޅަށް ކަމަށެވެ.

ސަސްޕެންޝަނުގައި ހުރިއިރު، ނަބީހާ އެންމެ ކަންބޮޑުވީ ވަކި މުއްދަތެއް ނޭނގި ސަސްޕެންޑުކޮށްފައިވުމުން ކަމަށް އޭރު ބުންޏެވެ.

"ތިން ހަފްތާ އަށް ފަހު މިދިޔަ ހަފްތާގައި ޕްރެކްޓިހުގައި ބައިވެރިވާން ފެށީ. މައްސަލަ ހައްލުވެ އަލުން ޕްރެކްޓިހުގައި ބައިވެރިވެވުމުކީ ހިތްހަމަޖެހުމެއް،" ނަބީހާ ބުންޏެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އޭރު ބުނީ ނަބީހާ ސަސްޕެންޑްކުރަން ނިންމީ ގައުމީ ޓީމުގެ މެނޭޖްމަންޓުން ކަމަށާއި ކޮމިޓީން މައްސަލަ ބެލުމަށް ފަހު ވަކިގޮތެއް ނިންމާނެ ކަމަށެވެ.

ބެޑްމިންޓަނުގެ ބައިނަލްއަގްވާމީ މުބާރާތްތަކަށް ކުޅުންތެރިން ނަގާއިރު އެންމެ ބޮޑަށް ބަލަނީ މާލޭގައި ކުރެވޭ ޕްރެކްޓިސްތަކުގެ ހާޒިރީ އަށެވެ. މުބާރާތްތަކުން ފުރުސަތު ލިބެނީ އެ ޕްރެކްޓިސްތަކުގެ 80 އިންސައްތަ ހާޒިރީ ހޯދާ ކުޅުންތެރިންނަށެވެ. ސަސްޕެންޝަނުގައި ހުރިއިރު ގެއްލުނު ޕްރެކްޓިސްތަކުގެ ސަބަބުން މި އަހަރު އޮންނަ މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ގެއްލުމުގެ ބިރު ނަބީހާ އަށް އޭރު އޮތެވެ. އެކަމަކު މިހާރު ގަވައިދުން ޕްރެކްޓިހުގައި ބައިވެރިވަމުން އަންނާތީ އަލުން ޓީމުގައި ހިމެނުމުގެ ފުރުސަތު އޭނާ އަށް އޮތީ ފަހިވެފަ އެވެ.

މިދިޔަ އަހަރުގެ "މިހާރު އެވޯޑްސް" ގެ އެންމެ އުއްމީދީ އަންހެން ކުޅުންތެރިޔާގެ މަގާމާއި ތިން ވަނަ އަށް އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހޯދި ނަބީހާ އަކީ ގައުމީ އަންހެން ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ގިނަ މެޑަލްތަކެއް ރާއްޖެ އަށް ހޯދައިދީފައިވާ ކުޅުންތެރިޔެކެވެ.