21 ފެބުރުއަރީ 2019 - 11:48

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އެމަނިކުފާނުގެ ސަޕޯޓަރުން ރޭ ބޭއްވި މުޒާހަރާގެ ތެރޭގައި، ފުލުހުންގެ ވެހިކަލެއްގެ ފުރޮޅެއް ކައިރީގައި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ގާބުރިއެއް ބޭއްވެވި މައްސަލަ ހޫނުވެއްޖެ އެވެ!
އެމްޓީސީސީ ސޯމިލް އިމާރާތް ކައިރީގައި މީހުން އެއްވެފައި ތިއްބައި، އެތަނުގެ ތެރޭގައި އޮތް ފުލުހުންގެ ވެހިކަލް ދަށުގައި ގާ ބުރިއެއް ބާއްވަން އުޅުމުން އެކަން ހުއްޓުވުމަށް އެތަނުގައި ހުރި އަންހެނަކު މަސައްކަތް ކުރި އެވެ. ނަމަވެސް ގާބުރި ބޭއްވުމަށް ފަހު ސަޕޯޓަރުންނާ އެކު ނިހާން އެތަނުން ދުރަށް ވަޑައިގަތީ އެވެ.
ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެއީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމެވެ. މި މައްސަލާގައި ވަރަށް ގިނަ ބަޔަކު ވަނީ ނިހާނަށް ފާޑު ވެސް ކިޔައިފަ އެވެ. އަދި މި މައްސަލާގައި ނިހާން ހައްޔަރުކުރަން ވެސް ބައެއް މީހުން ވަނީ ގޮވާލައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނަވައި، އެއީ ކުރެއްވި ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެ އެވެ.
އެހެންވެ، އެ ފާޑުކިޔުންތަކަށް ނިހާން ވަނީ ރައްދު ދެއްވައި ރޭ ޓްވީޓެއް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް އަނިޔާވެދާނެތީ އެފަދަ ކަމަކުން ސަލާމަތްކުރުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެއް ކަމަށެވެ.
"ފުލުހުންގެ ވެހިކަލެއް ރައްޔިތުންތަކެއްގެ ތެރެއަށް ވަދެ، ފަހަތަށް ދުއްވަން އުޅެފި ނަމަ ރައްޔިތުންނަށް އަނިޔާވެދާނެތީ އެފަދަ ކަމަކުން ރައްޔިތުން ސަލާމަތްކުރުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެކެވެ،" ނިހާން ވިދާޅުވި އެވެ.
ޕީޕީއެމްގެ ސަޕޯޓަރުން އިއްޔެ ހަވީރު ވަނީ، ޔާމީން ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗަށް ގެންދިއުމުން އެތަނުގެ ތެރޭގައި ވެސް އަޑުގަދަކޮށް ހަޅޭއްލަވައިފަ އެވެ. އެހެންވެ އެކަން ކޮންޓްރޯލްކުރުމަށް ފުލުހުން ޕެޕަ ސްޕްރޭ ޖަހާފައި ވެ އެވެ.
ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކުރީ ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު އަމުރުކުރުމުންނެވެ.
ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.