21 ފެބުރުއަރީ 2019 - 09:23

މިއުނިކް (ފެބްރުއަރީ 21) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރޭ 10 ކުޅުންތެރިންނާ އެކު ކުޅެ ފަހު ވަގުތު ޝާލްކާ އަތުން 3-2 އިން މޮޅުވި ނަމަވެސް މެންޗެސްޓާ ސިޓީގައި ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޝާލްކާ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން 18 ވަނަ މިނިޓްގައި ސިޓީ އަށް ލީޑުނަގައިދިނީ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އެވެ. މި ލަނޑަކީ ޝާލްކާގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި ސިލްވާ ދިން ބޯޅައަކުން އަގުއޭރޯ ޖެހި ގޯލެކެވެ.
ޝާލްކާ އިން އެއްވަރުކުރީ މެޗުގެ 35 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ނަބީލް ބެންޓަލެބް ވައްދާލި ގޯލުންނެވެ. މިއީ ސިޓީގެ ނިކޮލަސް އޮޓަމެންޑީ އަތުގައި ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު ރެފްރީ ދިން ޕެނަލްޓީ އެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޝާލްކާ އިން ލީޑުނެގީ ވެސް ބެންޓަލެބް ވައްދާލި ޕެނަލްޓީ އަކުންނެވެ.
ސިޓީ އަށް ދެ ވަނަ ހާފުގައި މައްސަލަ ދިމާވީ މެޗުގެ 67 ވަނަ މިނިޓްގައި އެ ޓީމުގެ ފަހަތަށް ކުޅޭ އޮޓަމެންޑީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. އެކަމަކު ސިޓީން ވަނީ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ.
ސިޓީ މޮޅުވީ ފަހު ފަސް މިނިޓް ތެރޭ ޖެހި ގޯލުތަކާ އެކު އެވެ. މެޗުގެ 85 ވަނަ މިނިޓްގައި ސިޓީ އަށް އެއްވަރުކޮށްދިނީ ކުރިން ޝާލްކާ އަށް ކުޅުނު ޖަރުމަނުގެ ވިންގް ލެރޯއީ ސާނޭ އެވެ. އޭނާ މި ލަނޑު ޖެހީ ހިލޭ ޖެހުމަކުންނެވެ. ސިޓީ މޮޅުކޮށްދިން ލަނޑު މެޗުގެ ފަހު މިނިޓްގައި ޖެހީ ސްޓާލިން އެވެ.
މެޗަށް ފަހު ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ރަށުން ބޭރުގައި އުނދަގޫ ހާލަތެއްގައި މޮޅުވުމަކީ ރަނގަޅު ނަތީޖާއެއް ކަމަށާއި އެކަމަކު ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
"އަހަރެމެން އެ މީހުންނަށް ދެ ޕެނަލްޓީ ދީފި. އަހަރެމެން ރަތް ކާޑެއް ހޯދި. މިއީ މި ފަދަ މުބާރާތެއްގައި ވެގެންވާނެ ކަންތައްތަކެއް ނޫން. މީގެއިން އެނގެނީ އަދިވެސް އަހަރެމެން މި މުބާރާތުގެ ނޮކައުޓު ބުރަށް އެންމެ ރަނގަޅަށް ތައްޔާރުވެފައި ނެތްކަން. މި ކަހަލަ ގޮތަކަށް ދާނަމަ އަހަރެމެންނަށް މުބާރާތުގެ ފަހު ސްޓޭޖުތަކުގައި ޕްރެޝަރާ ކުރިމަތިލާން އުނދަގޫވާނެ،" ކުރިން ބާސެލޯނާ އާއި ބަޔާނަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.
ސިޓީ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ އަންނަ މަހު 12 ވަނަ ދުވަހު އެވެ.