21 ފެބުރުއަރީ 2019 - 08:53

މެޑްރިޑް (ފެބްރުއަރީ 21) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑުން މި ފަހަރުގެ ފޭވަރިޓެއް ކަމަށްވާ ޔުވެންޓަސް އަމިއްލަ ދަނޑުގައި 2-0 އިން ބަލިކޮށްފި އެވެ.
އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ. މި މެޗުގައި އެތުލެޓިކޯއާ ދެކޮޅަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ރެފްރީ ވަނީ ދެ ނިންމުމެއް ނިންމައިފަ އެވެ. ވީއޭއާރްގެ އެހީ ހޯދުމަށް ފަހު އޭރިއާ ތެރެއިން ހިނގި ފައުލަކަށް ޕެނަލްޓީ ނުދީ ދޫކޮށްލިއިރު، މޮރާޓާ ޖެހި ގޯލެއް ވަނީ ފައުލު ކަމަށް ނިންމައިފަ އެވެ.
ޔުވެންޓަސް އަށް ކުރި ހޯދައިދޭން ކްރިސްޓިއާނޯ ރޮނާލްޑޯ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅައެއް އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ. ދެ ވަނަ ހާފް ފަށައިގެން އެތުލެޓިކޯގެ އެންޓޮއިން ގްރީޒްމަން ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ.
އެތުލެޓިކޯ މޮޅުވީ ފަހު 12 މިނިޓް ތެރޭ ދެ ލަނޑު ޖަހައިގެންނެވެ. ފުރަތަމަ ލަނޑު މެޗުގެ 78 ވަނަ މިނިޓްގައި ކޯނަރަކުން އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ކާމިޔާބުކުރީ ޑިފެންޑަރު ހޯސޭ ގިމެނޭޒް އެވެ. އޭގެ ފަސް މިނިޓް ފަހުން ހިލޭ ޖެހުމަކުން އޭރިއާ ތެރެއިން ލިބުނު ބޯޅަ ތަޖުރިބާކާރު ޑިފެންޑަރު ޑިއޭގޯ ގޮޑިން ވަނީ ހަނި އޭންގަލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ 2014 ވަނަ އަހަރަށް ފަހު ގޮޑިން މި މުބާރާުތުގައި ޖެހި ފުރަތަމަ ގޯލެވެ.
ރޭގެ މެޗު ކުރިއަށްދިޔައިރު އެތުލެޓިކޯ ސަޕޯޓަރުން ވަނީ ރޮނާލްޑޯއާ ދިމާކުރުމުގެ ގޮތުން އަޑު އުފުލައިފަ އެވެ. ރޮނާލްޑޯ އޭގެ އަށް ޖަވާބެއްގެ ގޮތުން އަތުގެ އިޝާރާތުން ދެއްކީ ފަސް އިނގިއްޔެވެ. އެއީ އޭނާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އަދަދު ދައްކައިދިނުމުގެ ގޮތުންނެވެ.
ސިމިއޯނީގެ އިރުޝާދުގެ ދަށުން ޔޫރަޕް މުބާރާތެއްގެ ނޮކައުޓް މެޗެއްގައި އެ ޓީމު އަމިއްލަ ދަނޑުގައި ބަލިވެފައި ނުވެ އެވެ. މި އަހަރު ފެށުނު ފަހުން ސްޕެނިޝް ލީގުގައި އެތުލެޓިކޯ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ރޭގެ މެޗުގައި އެ ޓީމުން ވަނީ މޮޅަށް ކުޅެފަ އެވެ.
"އަހަރެމެންނަށް އަދި އަނެއް ބުރު ޔަގީނެއް ނުވޭ. އަހަރެންނަށް ހަމަޖެހިލުމެއް ލިބޭނީ ކުރަން އޮތް މަސައްކަތް ނިމުނީމަ. ތިން ހަފްތާ ފަހުން އަހަރެމެންނަށް އެބައޮތް ޔުވެންޓަސް ދަނޑުގައި މެޗެއް މިހާރު ތައްޔާރު މިވަނީ އެ މެޗަށް. މި މެޗުގައި އަހަރެމެން ބޭނުންވި ކަންތައް ހާސިލްވެއްޖެ،" ރޭގެ މެޗަށް ފަހު ސިމިއޯނީ ބުންޏެވެ.
ޔުވެންޓަސް ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހު 12 ވަނަ ދުވަހު އެވެ. ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭއިރު އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"މިއީ އަހަރެމެން ނިމުމެއް ނޫން. އަހަރެމެން އަދި މަރެއް ނުވޭ. އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ޔުވެންޓަސް ތަފާތު ދައްކާނެ. މި ނިމުނީ އަދި އެއް ހާފު،" އޭނާ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި މިހާތަނަށް އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު ތިން މެޗުން ވެސް ޔުވެންޓަސް އަށް މޮޅެއް ނުލިބެ އެވެ.