21 ފެބުރުއަރީ 2019 - 00:14

ޝަރީއަތް ނިމެންދެން މާފުށީ ޖަލަށް ލައިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމިން ދޫކޮށްލުމަށް ގޮވާލައި، އެމަނިކުފާނުގެ ސަޕޯޓަރުން މިރޭ ކާނިވަލުގައި މުޒާހަރާކޮށްފި އެވެ.

އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިއަން ޑޮލަރުގެ މައްސަލަ ކޯޓުން ބަލައި ނިމެންދެން ޖަލުގައި ބެހެއްޓުމަށް އިއްޔެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މާފުށީ ޖަލަށް ގެންދިއުމަށް ފަހު ފަރުވާ ދިނުމަށްޓަކައި އެ މަނިކުފާނު މިއަދު މާލެ ގެނެސް، މިހާރު ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ.
ޕީޕީއެމާއި ޕީއެންސީގެ ބައެއް އިސްބޭފުޅުންނާއި އެ މަނިކުފާނަށް ތާއީދުކުރާ މީހުން މުޒާހަރާގައި ގޮވާލަމުން ދިޔައީ ޔާމީނާއި މެދު ސަރުކާރުން ކަންތައް ކުރަމުން އަންނަނީ ވަރަށް ދެރަކޮށް ކަމަށާއި އެމަނިކުފާނު ވަގުތުން ޖަލުން ދޫކޮށްލުމަށެވެ. އަދި ޔާމީން ޖަލުގައި ބަހައްޓަން އަމުރުކުރީ، އަންނަން އޮތް މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރަން އެ މަނިކުފާނު ރަށްރަށް ފުރާ ވަޑައިގެން، ތާއީދު ހޯދައިފާނެ ކަމުގެ ބިރު ހީވުމުން ކަމަށް ވެސް ބުނެފައި ވެ އެވެ. އަދި މުޒާހަރާގައި ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި، އެމަނިކުފާނު މިއަދު މާލެ ގެނެސް އައިޖީއެމްއެޗަށް ގެންދިޔައީ އެމަނިކުފާނުގެ ނުރުހުމުގަ އެވެ.
ޔާމީނަށް ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ގެންދިޔަ ވަގުތު އެ މަނިކުފާނުގެ ސަޕޯޓަރުން ވަނީ ހޮސްޕިޓަލަށް އެއްވެ، ފުލުހުންނާއި ޑޮކްޓަރުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް ޒުވާބުކޮށް ހަދައިފައި ކަމަށް ފުލުހުން ބުނެ އެވެ. އަދި އެކަން ނުކުރުމަށް ތަކުރާރުކޮށް އެންގުމުން ވެސް އެކަން ނުހުއްޓިގެން އެތަން ކޮންޓްރޯލް ކުރަން ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. މުޒާހަރާ އަށް މިރޭ އެއްވި މީހުން ވަނީ ފުލުހުންގެ އެ އަމަލު ވެސް ކުށްވެރިކޮށްފަ އެވެ.