21 ފެބުރުއަރީ 2019 - 09:09

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްރަށާއި ފަޅުތައް ނަގަމުން ދިޔަ ފަރާތްތަކުގެ ގާނޫނީ ވަކީލުން އެއް ކަމަކަށް ޑިމާންޑްކުރި އެވެ: ރަށްރަށް ދޫކުރުމާއި، އެކަމާ ބެހޭ އެއްބަސްވުންތައް ހެދުން ފަދަ ކަންކަން ކުރަން އެމްއެމްޕީއާރުސީގެ ބޯޑުން ނިންމާފައިވާ ރިޒޮލިއުޝަން ލިބޭނެ ގޮތެއް ހެދުމެވެ. އެއީ އެފަދަ މުއާމަލާތެއްގައި ގާނޫނީ ގޮތުން ވަރަށް މުހިންމު ހެއްކެކެވެ.

އެކަމަކު އޭރުގެ ޑިރެކްޓަރުންގެ ބޯޑުން އެކަހަލަ ރިޒޮލިއުޝަނެއް ފާސްކޮށްފައެއް ނެތެވެ. އޭގެ ބަދަލުގައި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ބޭނުންކުރެއްވީ ވަގު ރިޒޮލިއުޝަނެކެވެ. ބޯޑު ޑިރެކްޓަރުންގެ ސޮއި، އެހެން ލިއުމަކުން ސްކޭންކޮށްގެން، އެ ރިޒޮލިއުޝަނަށް ލީ އެވެ. އަދި އެމްއެމްޕީއާރުސީން ދޫކުރި ރަށްރަށާއި ފަޅުތަކުގެ އެއްބަސްވުންތަކުގައި އެ ރިޒޮލިއުޝަން ހިމެނި އެވެ.
ޒިޔަތުގެ އެ ހީލަތާއި މަކަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގުން ވަރަށް ރަނގަޅަށް ވަނީ ފަޅާއަރައިފަ އެވެ. އެކަމަކު ތަހުގީގަށް އޭނާ ދެއްވި ބަޔާނުގައި، ތަކުރާރުކޮށް ޒިޔަތު ވިދާޅުވެފައި އޮތީ، އެއީ އެޕްރީލް 8، 2014 ގައި އޮތް ބޯޑު މީޓިންގައި ބޯޑުން ފާސްކުރި ރިޒޮލިއުޝަނެއް ކަމަށެވެ.
އެކަމާ ގުޅޭ އެހެން އެންމެން ވިދާޅުވާ ގޮތުގައި އެއީ ކަނޑައެޅިގެން ވަގު ރިޒޮލިއުޝަނެކެވެ. އެގޮތަށް ވިދާޅުވާ ބޭފުޅުންގެ ތެރޭގައި، އެމްއެމްޕީއާރުސީގެ އޭރުގެ ޗެއާމަން މުހައްމަދު ހަލީލާއި ބޯޑު މެމްބަރު ޝީޒްލީން މުހައްމަދާއި ބޯޑު މެމްބަރު އަލީ ރަޝީދު އާދަމްގެ އިތުރުން ކޮމްޕެނީ ސެކްރެޓަރީ އައިމިނަތު ލަމްސާ ހިމެނެ އެވެ.
ބޯޑުން ފާސްކުރާ ރިޒޮލިއުޝަން ޑްރާފްޓްކުރުމާއި ބޯޑު ޑިރެކްޓަރުން ލައްވައި ސޮއިކުރުން ފަދަ ޒިންމާތައް އޭރު އުފުއްލެވީ ލަމްސާ އެވެ. އޭސީސީގެ ތަހުގީގުގައި އޭނާ ވިދާޅުވީ "އެއީ ސައްހަ ރިޒޮލިއުޝަނެއް ނޫންކަން އޭނާއަށް ޔަގީން" ކަމަށެވެ.
- ޓޫރިޒަމްގެ ތަރައްގީއަށް ރަށްރަށާއި ފަޅު ކުއްޔަށް ދިނުމާއި ވިއްކުން
- އެކަމާ ގުޅޭ އެގްރިމެންޓްތަކާއި ސޭލްސް އެންޑް ޕާޗޭސް އެގްރިމެންޓް ހެދުން
- ކަންކަން ނިންމުމާއި ސޮއިކުރުމުގެ ބާރު އަބްދުﷲ ޒިޔަތަށް ދިނުން
- އިންވެސްޓަރުން ހޯދުން
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކުރީކޮޅު، އެޕްރީލް 8، 2014 ގައި، އެމްއެމްޕީއާރުސީގެ ބޯޑު ބައްދަލުވުމެއް އޮތެވެ. އެ ބައްދަލުވުމުގައި ރިޒޮލިއުޝަނެއް ފާސްކުރި އެވެ. އޭގެ ނަންބަރަކީ MMPRC/BR/2014/05 އެވެ. އެކަމަކު އެމްއެމްޕީއާރުސީން ރަށްރަށް ކުއްޔަށް ދޫކުރުމާއި އެކަމާ ގުޅޭ ކަންކަމުގައި ސޮއިކުރުމުގެ ބާރު ޒިޔަތަށް ދޭން ނިންމުން ކަހަލަ އެއްވެސް ވާހަކައެއް އޭގައި ނޯންނާނެ ކަމަށް، ބޯޑު މެމްބަރުންނާއި ލަމްސާ ވިދާޅުވެ އެވެ. އެފަދަ ވާހަކައެއް ވެސް އެދުވަހުގެ ބައްދަލުވުމުގައި ދެކެވިފައެއް ނުވެ އެވެ. އަދި އެ ބޯޑު މީޓިންގެ ޔައުމިއްޔާގައި ވެސް، ރަށްރަށް ކުއްޔަށް ދޫކުރުމާއި ވިއްކުމާ ބެހޭ އެއްވެސް ވާހަކައެއް ނެތް ކަމަށް، އޭސީސީއަށް ލިބުނު މައުލޫމާތުތަކަށް ބަލައި، އެ ކޮމިޝަނުން ނިންމާފައިވެ އެވެ.
ލަމްސާ ވިދާޅުވެފައިވާ ގޮތުގައި "އެއީ އޭނާ ތައްޔާރުކޮށް، ބޯޑު މެމްބަރުން ލައްވާ ސޮއިކުރުވި ރިޒޮލިއުޝަނެއް ނޫންކަން ޔަގީނެ"ވެ.
"އެއީ ފޯޖުކޮށްފައިވާ ލިއުމެއް،" ލަމްސާ ވިދާޅުވި އެވެ.
އެހެންކަމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ބާރުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގަތުމާ އެކުހެން ޒިޔަތު މި އޮތީ ޑިރެކްޓަރުންގެ ބޯޑަށް ވެސް އޮޅުވާލައްވައިފަ އެވެ. މި އޮޅުވާލުމުގައި އޭނާ ބޭނުންކުރެއްވީ އެ ދުވަހުގެ ބޯޑު ބައްދަލުވުމުގައި ތައްޔާރުކުރި ރިޒޮލިއުޝަންގައި މެމްބަރުން ކުރެއްވި ސޮއި ކަމަށް ބެލެވެ އެވެ. އެ ރިޒޮލިއުޝަންގެ ނިމޭ ބައިގައި "05" އޮންނަ އިރު، ޒިޔަތުގެ ވަގު ރިޒޮލިއުޝަންގެ ނަންބަރަކީ MMPRC/BR/2014/05b އެ އެވެ. ނިމޭ ތަނުގައި އޮތް "05b" އަކީ، އޭގެ ކުރިން ހެދި އެމްއެމްޕީއާރުސީގެ ބޯޑު އެއްވެސް ރިޒޮލިއުޝަނެއްގައި ބޭނުންކުރި އެއްޗެއް ނޫނެވެ. ލަމްސާ އާއި ހަލީލު ވިދާޅުވި ގޮތުން ނަމަ، އެ ކުންފުނީގެ ބޯޑު ރިޒޮލިއުޝަންތަކުގައި އެގޮތަކަށް އިނގިރޭސި އަކުރެއް ބޭނުމެއް ނުކުރެ އެވެ.
"ރިޒޮލިއުޝަންގެ ނަންބަރު ޖަހާއިރު ނަންބަރުގެ ފަހަތުގައި އިނގިރޭސި އަކުރުން "05b" މި ގޮތަށް ޖަހާ ކަމެއް އެނގިފައެއް ނުވޭ،" އޭސީސީއަށް ހަލީލު ވިދާޅުވެފައިވެ އެވެ.
ބޯޑުގެ އެހެން މެމްބަރެއް ކަމަށްވާ ޝީޒްލީން މުހައްމަދަށް އެ ރިޒޮލިއުޝަން ފުރަތަމަ ފެނިވަޑައިގަތީ ވެސް އޭސީސީގެ ތަހުގީގު ތެރޭގައި ކަމަށް، ކޮމިޝަނުގެ ރިޕޯޓުން އެނގެ އެވެ. އޭގައި އޮތީ އޭނާގެ ސޮއި ކަމަށް ވިދާޅުވިޔަސް އެއީ އެހެން ލިއުމަކުން ސްކޭންކޮށްގެން ވަގަށް ނަގައި، އެ ރިޒޮލިއުޝަންގައި ހިމަނާފައި އޮތް ސޮއެއް ކަމަށް، އޭސީސީގެ ތަހުގީގު ޓީމަށް އޭނާ ކިޔައިދެއްވި އެވެ.
ޝީޒްލީން ވިދާޅުވީ ރަށްރަށް ކުއްޔަށް ދިނުމާ ބެހޭ ގޮތުން "އެ ދުވަހު އޮތް ބައްދަލުވުމުގައި މަޝްވަރާ ވެސް ކޮށްފައި ނުވާ" ކަމަށެވެ.
އޭނާ ލަފާކުރައްވަނީ އެހެން ލިއުމަކުން އޭނާގެ ސޮއި ވަގަށް ނަގައި، ޒިޔަތުގެ ވަގު ރިޒޮލިއުޝަންގައި ތަތްކޮށް އޭގެ ފަހުން ފޮޓޯ ކޮޕީ ނެގީ ކަމަށެވެ. އެހެންކަމުން ރިޒޮލިއުޝަންގެ ފޮޓޯ ކޮޕީ ލިބޭ މީހަކަށް އޭގައި އޮޅުވާލުމެއް އޮތް ކަމެއް ނޭނގޭނެ އެވެ.
ޗެއާމަން ހަލީލާއި މެމްބަރު ރަޝީދު ވެސް ވިދާޅުވީ ވަގު ރިޒޮލިއުޝަންގައި ބޭނުންކޮށްފައި ވަނީ އެ ބޭފުޅުންގެ ސޮއި ކަމަށެވެ. އެކަމަކު އެއީ، ޝީޒްލީން ވެސް ފާހަގަކުރެއްވި ގޮތަށް، އެހެން ލިއުމަކުން ވަގަށް ނަގައިގެންނެވެ.
"އެފަދަ އިބާރާތެއް [ރަށްރަށް ކުއްޔަށް ދިނުން ފަދަ] އޮތް ބޯޑު ރިޒޮލިއުޝަނެއްގައި އަޅުގަނޑު ސޮއިކޮށްފައެއް ނުވާނެ،" ހަލީލްގެ ބަޔާނުގައިވެ އެވެ.
އެމްއެމްޕީއާރުސީން ރަށްރަށް ކުއްޔަށް ދިނުމުގެ މަސައްކަތުގައި ޒިޔަތާ އެކު އުޅުއްވި އެއް ބޭފުޅަކީ އެ ކުންފުނީގެ އިންވެސްޓްމަންޓް އެގްޒެކްޓިވް މުހައްމަދު ޝިފާއު އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެފަދަ ރިޒޮލިއުޝަނެއް ބޭނުންކުރަން ފެށީ، ކުންފުނިތަކުގެ ވަކީލުން އެ "އެގްރިމެންޓްތަކުގައި ބޯޑުގެ ރިޒޮލިއުޝަން ހިމަނަން ޑިމާންޑްކުރުމުން" ނެވެ. އޭނާ އޭރު ގަބޫލުކުރެއްވީ އެއީ އެމްއެމްޕީއާރުސީގެ ބޯޑުން ފާސްކޮށްފައިވާ ރިޒޮލިއުޝަނެއް ކަމަށެވެ.
ހުރިހާ އެގްރިމެންޓްތަކުގައި ވެސް ބޭނުންކުރަނީ އެއް ރިޒޮލިއުޝަނެއްތޯ ޒިޔަތު ކައިރީ ޝިފާއު އެއްސެވި އެވެ. ޖަވާބުގައި މެނޭޖިން ޑިރެކްޓަރު ވިދާޅުވި ކަމަށް ވަނީ އާއެނކޭ އެވެ. އެކަމަކު އޭގެ އަސްލު ޝިފާއުއަށް ފެނިވަޑައިގެންފައެއް ނުވެ އެވެ.
"ފެނިފައި ވަނީ އޭގެ ކުލަކޮށް ސްކޭންކޮށްފައިވާ ކޮޕީއެއް،" ކަމަށް އޭނާ ވިދާޅުވި އެވެ.
ވަގު ރިޒޮލިއުޝަނުގެ ކޮޕީ ހައްދަން ޒިޔަތު އޭނާގެ އަތަށް އެތައް ފަހަރަކު ދީފައިވެ އެވެ.
އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި ރަށްރަށާއި ފަޅުތައް އެތައް ބަޔަކު ގަނެ، އެއްބަސްވުންތައް ހަދާފައިވާ އިރު އޭގައި ހިމެނި އެމްއެމްޕީއަރުސީގެ ބޯޑު ރިޒޮލިއުޝަންގެ އަސްލު ވީ ތަން އެނގޭ މީހަކު ނެތެވެ. ބޯޑު ސެކްރެޓަރީ ލަމްސާއަށް އެ ރިޒޮލިއުޝަން ފެނިވަޑައިގަތީ ވެސް، އަދީބާއި ޒިޔަތު ހައްޔަރުކޮށް ތަހުގީގު ފެށުމުން، އެމްއެމްޕީއާރުސީން ދޫކުރި ރަށްރަށުގެ ލިއުންތައް ހޯދުމުގެ ތެރޭގަ އެވެ. އެ ރިޒޮލިއުޝަން ހުށައެޅީ ސަންފްރޮންޓް ޕްރައިވެޓް ލިމިޓެޑުންނެވެ. އޭސީސީގެ ރިޕޯޓުން އެނގޭ ގޮތުގައި ސަންފްރޮންޓުން ކުއްޔަށް ނަގާފައި ވަނީ ރ. އުތުރުމާފަރެވެ.
ޒިޔަތު ހުންނެވީ އޭނާގެ ގޮތުގަ އެވެ. އެޕްރީލް 8، 2014 ގައި އޮތް ބޯޑު މީޓިންގައި އެ ރިޒޮލިއުޝަންގައި ހިމެނޭ ކަންކަމާ މެދު މެމްބަރުން މަޝްވަރާކުރެއްވި ކަމަށް އޭނާ ވިދާޅުވެ އެވެ. އެކަމަކު ވިދާޅުވީ ޔައުމިއްޔާގައި އެ ވާހަކަ ނެތީ ކީއްވެގެންކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެ ހިސާބުން އޭނާ ބޯޅަ ޖެއްސެވީ ލަމްސާ ކޮޅަށެވެ.
"ބޯޑާ ގުޅޭ ލިއުންތައް ތައްޔާރުކުރަނީ ކޮމްޕެނީގެ ސެކްރެޓަރީ" ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ވަގު ރިޒޮލިއުޝަންގައި ހިމެނޭ ނަންބަރުގެ ފަހަތަށް އިނގިރޭސި އަކުރެއް އައި ގޮތް އޭނާއަކަށް ވެސް އެނގިވަޑައެއް ނުގަންނަވަ އެވެ.
މުޅި މައްސަލައަށް ބަލާއިރު އެނގެނީ އެއީ އެމްއެމްޕީއާރުސީގެ ބޯޑުން ފާސްކުރި ރިޒޮލިއުޝަނެއް ނޫން ކަމެވެ. އަދި އެފަދަ އެއްޗެއްގައި ބޯޑުގެ އެހެން މެމްބަރުން ސޮއިނުކުރައްވާ ކަމަށް، އޭސީސީގެ ތަހުގީގުގައި އެ ބޭފުޅުން ވިދާޅުވި އެވެ. އަދި ބޯޑުގެ ހުރިހާ ބައްދަލުވުންތަކެއް ބައްލަވައި، ލިއުންތައް ތައްޔާރުކުރައްވާ ކޮމްޕެނީ ސެކްރެޓަރީ އަށް އެފަދަ ރިޒޮލިއުޝަނެއް އޮތްކަން، ޒިޔަތު ހައްޔަރުކުރުމުގެ ކުރިއަކުން އެނގިވަޑައިގެންފައެއް ވެސް ނުވެ އެވެ.
އެހެންކަމުން މިއިން އެނގެނީ، 1.3 ބިލިއަން ރުފިޔާގެ ވައްކަން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޒިޔަތުމެން ހިންގެވި އިރު، ވިޔަފާރިވެރިންނާ އެކު ވީ އެއްބަސްވުމުގައި ހިމެނި އެ ކުންފުނީގެ ބޯޑު ރިޒޮލިއުޝަނަކީ ވެސް މަކަރާއި ހީލަތް ކަމެވެ. ރަށްރަށް ކުއްޔަން ދީގެން ހިންގި ބޮޑު ޖަރީމާގެ ފެށުން ވެސް މި އޮތީ އެހާ ނުބައިކޮށެވެ.