27 މެއި 2016 - 20:59

މައްސަލަ އުފެދިފައިވާ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހިއްކައިގެން ތަރައްގީކުރި ބައެއް ރަށްތައް ރާއްޖޭގައި ހުންނަ ކަހަލަ ރިސޯޓްތަކެއް ގޮތަށް ތަރައްގީކުރަން ނިންމާފައިވާ ކަމަށް މިއަދު ބުނެފި އެވެ.
އިނގިރޭސިވިލާތުގެ "ދަ ގާޑިއަން" ނޫހުގައި ބުނެފައި ވަނީ އެ ރަށްތައް ތަރައްގީކުރަން ނިންމާފައި ވަނީ އަސްކަރީ ބޭނުންތަކަށް ނޫން ކަމަށާއި އެއީ ކައިވެނީގެ ހާއްސަ ހަފުލާ ފަދަ ހަރަކާތްތައް ބާއްވަން ތަރައްގީކުރާ ރިސޯޓްތަކެއް ކަމަށް އެ ގައުމުގެ އިސްވެރިއަކު ޗައިނާ ޑެއިލީ ނޫހަށް ދެއްވި ވިދާޅުވި ކަމަށެވެ.
"ސަންޝާ" ސިޓީގެ ނަމުގައި ތަރައްގީކުރާ ސަރަހައްދުގެ މޭޔަރު ޒިއާއޯ ޖީއާ ހަވާލާދީ އެ ނޫޙުގައި ބުނެފައި ވަނީ އެ ރަށްތައް ވެގެންދާނީ ރާއްޖޭގެ ރިސޯޓްތައް ފަދަ ޓޫރިސްޓުންގެ މެދުގައި މަގުބޫލް ރިސޯޓްތަކަކަށް ކަމަށެވެ.
"ބައެއް ރަށްތައް ތަރައްގީކުރަން ނިންމާފައި ވަނީ ހާއްސަ ޓޫރިސްޓުންނަށް. އެކަން ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިޔަށް ގެންދާނެ،" އޭނާ ވިދާޅުވެފައިވެ އެވެ.
ދެކުނު ޗައިނާ ކަނޑުގައި ހިއްކައިގެން ތަރައްގީކޮށްފައިވާ ސިޓީއަކީ ޗައިނާގެ ފުރިހަމަ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެކެވެ. އެ ސަރަހައްދުގެ މިލްކުވެރިކަމާ މެދު އެ ސަރަހައްދުގެ ގައުމުތަކުން ދަނީ ދައުވާކުރަމުންނެވެ.
ގާޑިއަން ނޫހުގައި ބުނެފައި ވަނީ އެ ރަށްތަކަށް ކަނޑަށް ޖައްސާ ބޯޓުގެ ދަތުރުތަކާއި ކައިވެނީގެ ހަފުލާތަކާއި މަސް ދަތުރުތަކާއި ޑައިވިން ދަތުރުތައް ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ. އަދި ޗައިނާއިން ދަނީ 2013 ވަނަ އަހަރުން ފެށިގެން އާއްމުންނަށް އެ ސަރަހައްދު ދައްކާލަން ގެންދަން ފަށައިފަ އެވެ.
އެ ސަރަހައްދުގެ މޭޔަރު ވިދާޅުވެފައި ވަނީ ޓޫރިސްޓުންނަށް ފަސޭހައިން ދަތުރުކުރޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކްރޫސް ދަތުރުތަކުގެ އިތުރުން ދެކުނު ޗައިނާގައި އޮންނަ ހައިނާން އިން ސީދާ ވައިގެ ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އެ ނޫހުގައި ބުނެފައި ވަނީ އެ ރަށްތަކަށް ބޭރު މީހުންނަށް ދޭވޭނެ ކަމެއް ނޭނގޭ ކަމަށާއި މިވަގުތު ހުއްދަ އޮތީ ހަމައެކަނި ޗައިނާ މީހުންނަށް ކަމަށް ބުނެފައިވެ އެވެ.