ޕާކިސްތާނުގެ ގައިދީއަކު އިންޑިއާގެ ޖަލެއްގައި މަރާލައިފި
ޕާކިސްތާނުގެ ގައިދީއަކު އިންޑިއާގެ ޖަލެއްގައި މަރާލައިފި

ޖައިޕޫރު (ފެބްރުއަރީ 20) - އިންޑިއާގެ ރާޖަސްތާނުގެ ސެންޓްރަލް ޖަލުގައި ހުރި ޕާކިސްތާނުގެ ގައިދީއެއްގެ ގައިގައި ގަލުން ތަޅައި މަރާލައިފި އެވެ.

ޕާކިސްތާނަށް ނިސްބަތްވާ ޝާކިރުﷲ ނަމަކަށް ކިޔާ ގައިދީ އަށް ހަމަލާދީފައި ވަނީ އެ ޖަލުގައި ތިބި އިންޑިއާގެ ގައިދީންނެވެ.

އިންޑިއާގެ ޖަލެއްގައި ޕާކިސްތާނުގެ ގައިދީއަކު މަރާލާފައި ވަނީ ކަޝްމީރުގައި އިންޑިއާ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާގައި 42 މީހުން މަރާލާފައި ވަނިކޮށެވެ. އެ ހަމަލާ ދީފައި ވަނީ ޕާކިސްތާނަށް ނިސްބަތްވާ ޖަމާއަތެއް ކަމަށްވާ ޖައިޝީ މުހައްމަދުންނެވެ. ކަޝްމީރުގެ ހަމަލާ އަށް ފަހު ދެ ގައުމުގެ މަސްރަހު ވަނީ ހޫނުވެފަ އެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި 2011 ވަނަ އަހަރުން ފެށިގެން ޖައިޕޫރުގެ ޖަލުގައި ހުރި ޕާކިސްތާނުގެ ގައިދީ އަށް ހަމަލާ ދޭން ފެށީ ޖަލުގައި ހިންގި ޒުވާބަކަށް ފަހު ކަމަށްވެ އެވެ.

ކަޝްމީރުގައި ދިން ހަމަލާގެ ތުހުމަތު އިންޑިއާ އިން ޕާކިސްތާނުގެ ބޮލުގައި އެޅުވި ނަމަވެސް ޕާކިސްތާނުން ވަނީ އެކަމުގެ ފުރިހަމަ ހެކި ދެއްކުމަށް އެދިފަ އެވެ.