ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ މަހުގެ 29 ވަނަ ދުވަހު ރިލީޒް ކުރަން ނިންމާފައިވާ ފިލްމު "ނޯޓްބުކް" ގެ ޓްރެއިލާ މިއަދު ބެލުންތެރިންނަށް ދޫކޮށްލާ ގޮތަށް ނިންމައިފި އެވެ.

ސަލްމާން ހާން ޕްރޮޑިއުސްކުރާ ފިލްމުގެ ޓްރެއިލާ ރިލީޒްކުރަން ކުރިން އޮތީ މި މަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް މި މަހުގެ 14 ވަނަ ދުވަހު ޕާކިސްތާނުގެ ޓެރަރިސްޓުންތަކެއް އިންޑިއާ ސިފައިންގެ އޮފިސަރުންތަކެއް މަރާލުމާ ގުޅިގެން އެ ގައުމަށް ލިބުނު ހިތާމައިގައި ބައިވެރިވާން "ނޯޓްބުކް" ގެ ޓްރެއިލާ ރިލީޒްކުރުން ފަސްކުރީ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޕާކިސްތާނުގެ ހަމަލާއާ ގުޅިގެން އެ ގައުމު ދެކެ ސަލްމާން އައި ރުޅީގައި ވަނީ ފިލްމުގައި ހިމެނޭ ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ކިޔާފައިވާ ލަވައެއް ވެސް "ނޯޓްބުކް" އިން ފޮހެލައިފަ އެވެ.

މި ފިލްމަކީ އެކްޓަރު މޯނިޝް ބޭލްގެ އަންހެން ދަރިފުޅު ޕްރަނޫޓާން ބޭލް އާއި ޒަހީރު އިގްބާލް ބޮލީވުޑަށް ތައާރަފު ކުރާ ފިލްމެވެ. ކަޝްމީރުގައި ގިނަ މަންޒަރުތައް ނަގާފައިވާ "ނޯޓްބުކް" ގެ ޑައިރެކްޓަރަކީ ނިތިން ކައްކަރެވެ.

ޕްރަނޫޓާންއަކީ އިންޑިއާގެ ކުރީގެ މަޝްހޫރު ބަތަލާ ނޫޓާންގެ މާމަދަރިއެކެވެ.

އަންނަ މަހުގެ 8 ގައި ރިލީޒް ކުރާ ތުރިލާ "ބަދުލާ" ގެ ލަވައެއް ދައްކާލައިފި އެވެ.

"ކިޔޫ ރައްބާ" ގެ ނަން ދީފައިވާ މި ލަވައަކީ އަމާލް މާލިކްގެ މިއުޒިކަށް އޭނާގެ ކޮއްކޮ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އަރްމާން މާލިކް ކިޔާފައިވާ ލަވައެކެވެ. ހިތާމަވެރި ރާގަކަށް ހަދާފައިވާ ލަވައިގެ ޅެން ލިޔެފައި ވަނީ ކުމާރެވެ. "ކިޔޫ ރައްބާ" ގެ ލަވަ އިން ފެނިގެން ދަނީ ތާފްސީ ޕައްނޫ އާއި ފިލްމުގައި ފެނިގެންދާ އޭނާގެ ބައިވެރިޔާ އެވެ.

ސުޖޯއި ގޯޝް ޑައިރެކްޓްކޮށްފައިވާ "ބަދުލާ" ގެ މުހިއްމު ރޯލަކުން އަމީތާބް ވެސް ފެނިގެން ދާނެ އެވެ. މިއީ ސިއްރު މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތްތައް ދައްކުވައިދޭ ފިލްމެކެވެ.

"ރާޖްނީތީ" އާއި "ގަންގާޖަލް" ފަދަ ފިލްމުތައް ބެލުންތެރިންނަށް ގެނެސް ދިން ޑައިރެކްޓަރު ޕްރަކާޝް ޖާ ފިލްމެއްގައި އެކްޓް ކުރަން އަނެއްކާ ވެސް ސޮއިކޮށްފި އެވެ.

އޭނާ މި ފަހަރު ސޮއި ކުރި ފިލްމަކީ އަނޫރާގް ކޭޝަޕް ޕްރޮޑިއުސް ކުރާ "ސާންޑް ކީ އާންކް" އެވެ. މި ފިލްމަކީ އިންޑިއާ އަށް ނިސްބަތްވާ ދުނިޔޭގެ އެންމެ ދުވަސްވީ ދެ އަންހެން ޝޫޓަރުން ކަމަށްވާ ޗަންދުރޯ އާއި ޕްރަކާޝީ ތޯމަރުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

މީގެ ރޯލަކަށް ޖާ ސޮއި ކުރި އިރު، ފިލްމުގައި ބަތަލާއިންނަކީ ތާޕްސީ ޕައްނޫ އާއި ބޫމީ ޕެޑްނޭކަރެވެ. މިހާރު އުއްތަރު ޕްރަދޭޝްގައި ޝޫޓިން ކުރިއަށްދާ "ސާންޑް ކީ އާންކް" އަކީ ތުޝާރު ހިރަންދާނީ ލިޔެ، ޑައިރެކްޓް ކުރާ ފިލްމެކެވެ.

ޖާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި 2016 ގައި ޕްރިޔަންކާ ޗޯޕްޅާ ކުޅުނު ފިލްމު "ޖެއި ގަންގާޖަލް" ހިމެނެ އެވެ.

އަނިލް ކަޕޫރްގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ 2001 ގެ ޕޮލިޓިކަލް ތުރިލާ "ނަޔަކް" ގެ ސީކްއެލްއަކަށް ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް އޭނާ ބުނެފި އެވެ.

މިއަދު ސިނަމާތަކުގައި ދައްކަން ފެށި "ޓޯޓަލް ދަމާލް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ތެރޭގައި ރޭޑިއޯ ޗެނެލަކަށް ދިން އިންޓަވިއުއްގައި ހުނަރުވެރި އެކްޓަރު ބުނީ "ނަޔަކް" އަކީ ޝައުގުވެރި ގޮތަކަށް ވާހަކަ ކުރިއަށް ގެންދެވި ދާނެ ފިލްމެއް ކަމަށެވެ. އެ ފިލްމަކީ މިދިޔަ އަހަރު ރަޖްނީކާންތުގެ "2.0" ގެނެސް ދިން ޝަންކަރު ޑައިރެކްޓް ކުރި ފިލްމެކެވެ.

"ނަޔަކް" ގައި ކިޔައި ދެނީ އެންމެ ދުވަހަކަށް މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރުގެ މަގާމާ ހަވާލުވާ މީހެއްގެ ވާހަކަ އެވެ. މި ފިލްމުގައި އަނިލްއާ އެކު ބަތަލާގެ ރޯލް ކުޅުނީ ރާނީ މުކަރްޖީ އެވެ.

އަނިލް މި ވަގުތު އަންނަނީ އިނގިރޭސިވިލާތުގައި ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" ގެ މަސައްކަތް ކުރަމުންނެވެ.